ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ އެންމެ ފަހު 20 މިނެޓްގައި ކުޅެން ނުކުމެ، އެތުލެޓިކޯ މެޑްރިޑްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ލުއިޒް ސުއަރޭޒް ޖެހި ދެ ލަނޑާއެކު އެތުލެޓިކޯ މޮޅުވެއްޖެއެވެ.
ގްރަނަޑާ އާއި ދެކޮޅަށް ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިއެގޯ ކޮސްޓާއެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމުނީ ކޮސްޓާ ކާމިޔާބުކޮށްދިން ލަނޑާއެކު އެތުލެޓިކޯ ކުރީގައި އޮވެގެންގެންނެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އެންހެލް ކޮރޭއާއެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ޔާއޯ ފެލިކްސް ވަނީ އެތުލެޓިކޯގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.
އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު 72 ވަނަ މިނެޓްގައި މާކޯސް ޔޮރެންޓޭ ކާމިޔާބު ކުރީ ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ކުޅެން ނުކުތްތާ 15 މިނެޓް ތެރޭ ސުއަރޭޒް ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. ޔޮރެންޓޭ ނަގައިދިން ބޯޅަ ސުއަރޭޒް ގޯލްތެރެއަށް ވައްދާލީ ބޮލުން ޖަހައެވެ. އެތުލެޓިކޯގެ ހަ ވަނަ ލަނޑު ސުއަރޭޒް ކާމިޔާބުކުރީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައެވެ.
މި މެޗުގައި ގްރަނާޑާގެ ހަމައެކަނި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖް މޮލީނާއެވެ.