ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު ސިޔާސީ ކަންކަމާ ދުރައްޖެހިވަޑައިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސްމަޤާމެއްގައި ދެއަހަރެއްހާދުވަހު ހުންނެވުމަށްފަހު އެނބުރި ރާއްޖެވަޑައިގެން ޑރ.ޝަހީމް ވަނީ އިދިކޯލު ކޯލިޝަނާ އެނެއްކާވެސް ގުޅިވަޑައިގެންފައެވެ.
ޑރ. ޝަހީމް އެޑްވައިޒަރަކަށް ހަމަޖެއްސުމަށް ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ޑރ. ޝަހީމް ވިދާޅުވީ،
މިއަދު އެމަނިކުފާނަށް ކުރެވެނީ އުފަލާއި ހިތާމަ ވެސް ހިމެނޭ ތަފާތު އިހްސާސްތަކެއް ކަމަށެވެވެ. ރައީސް ޔާމީނަށް ތަޢުރީފްކުރައްވައި ޝަހީމް ވިދާޅުވީ ރައީސް ޔާމީނުގެ ސިޔާސީ ފިކުރާ ދެކޮޅަށް ނުވަތަ އެހެން ސިޔާސީ ޕާޓީއަކާއެކު މަސައްކަތް ކުރުމަށް އޭނާގެ ޒަމީރު ނޭދޭ ކަމަށެވެ.
އަދި ޕީޕީއެމް ޕީއެންސީ އެޑްވައިޒަރުކަން ހުށަހެޅީ އޭނާ އެކަން ބޭނުންވެގެން ދަންނަވައިގެން ނޫންކަމަށާއި، ބޭނުންވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއެކު ހުންނެވުމަށްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއަށް އެކި ރޮނގުރިނގުން ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ޝަހީމްވަނީ މިހާރު އެކި ދާއިރާތަކުން ރާއްޖެއަށް ގޮންޖެހުންތަކެއްދިމާވެފައި ހުރިކަމަށް ވިދާޅުވެފައެވެ.
ޑރ. ޝަހީމްގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަޞަންއާ ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދެވެސްވަނީ ހަމަޖައްސާފައެވެ.