ޚަބަރު

ފަސްޓްލޭޑީ ފަޒްނާ އެދިވަޑައިގަންނަވަނީ ކޮންމެ މީހަކުވެސް އިޝާރާތުގެ ބަސް ދަސްކުރެއްވުމަށް


އިއްޔެ ފާހަގަކުރި ބައިނަލްއަޤްވާމީ އިޝާރާތް ބަހުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖްތައް އެކި ފަރާތްތަކުން ފޮނުވަމުންދިޔައިރު ސޯޝަލް މީޑިއާއިން ފެނިގެންދިޔަ އެންމެ ތަފާތު އެއް މެސެޖަކަށް ވެގެންދިޔައީ މިދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖް ނުވަތަ އިޝާރާތް ބަހުން ހުށައަޅައިދެއްވި ކުޑަކުދިންގެ ވާހަކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓްވިޓަރ އަދި ފޭސްބުކް އެކައުންޓުން ހިއްސާކުރި ރައީސްގެ އަނބިކަނބަލުންގެ މި ވީޑިއޯ މެސެޖްގައި އެކަމަނާ ވަނީ އިޝާރާތުގެ ބަހުން ބައިނަލްއަޤްވާމީ އިޝާރާތް ބަހުގެ ދުވަހުގެ ހެޔޮއެދުޢާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ މިފަދަ ދުވަހެއް ފާހަގކުރާއިރު އިޝާރާތް ބަހުން މުއާމަލާތުކުރާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ޝާމިލްކުރުމަށް އިޝާރާތްބަހުން ކޮންމެވެސް މިންވަރެއް ކޮންމެ މީހަކުވެސް ދަސްކޮށްކުރެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ދުވަހުގެ މުނާސަބާގައި އެކަމަނާ ވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން އިޝާރާތު ބަހުންނާއި އަދި އާންމުކޮށް ގެނެސްދޭގޮތަށް އިބުރަތްތެރި ވާހަކައެއް ގެނެސްދީފައެވެ.

"މީހަކާއި ގަސް" މި ވާހަކަ ރައީސްގެ އަނބިކަނބަލުން ހުށައަޅުއްވައިދެއްވީ ކުޑަކުދިން ޝައުގުވެރިވާފަދަ ގޮތަކަށް އަދި އިޝާރާތުގެ ބަހުންނެވެ. މިވާހަކައިން ތިމާވެށީގެ ރައްކާތެރިކަމައްޓަކައި ހިޔާ ލިބޭ ބިޔަ ގަސްތަކުގެ މުހިއްމުކަމާއި އެފަދަގަހެއް ކަނޑާލުމުން ލިބޭ ގެއްލުންތައް ކިޔައިދެއެވެ.

އިޝާރާތް ބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވި މެސެޖާއި އަދި ހުށައަޅައިދިން ކުޑަކުދިންގެ ވާހަކައަށް ގިނަބަޔަކުވަނީ ސޯޝަލްމީޑިއާގައި ތައުރީފުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދަކީ ތައުލީމީ ދާއިރާގައި، ޚާއްސަކޮށް މުދައްރިސްކަމާއި ސްކޫލް ހިނގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.

މީގެ އިތުރުން ކުޑަކުދިންނާއި އެކި ރޮނގުރޮނގުން މުޖުތަމަޢުގައި އަޅާލުން ބޭނުންވެފައިވާ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމާއި އެފަދަ މީހުންގެ ހައްޤުތައް ކަށަވަރުކުމުގެ މުހިއްމުކަމާއި އެދާއިރާތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އެކި މަންސަތަކުގައި އެކަމަނާ ވަނީ އަޑުއުފުއްލަވާފައެވެ.

ބައިނަލްއަގުވާމީ އިޝާރާތް ބަހުގެ ދުވަހު، އަޅުގަނޑުމެން އެންމެން އަޒުމް ކަނޑައަޅަންވީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އެކަހެރިކޮށްނުލައި އެއްވެސް ތަފާތެއް ނެތި މައުލޫމާތު ލިބިގަނެވޭނެ ފަދަ މާހައުލެއް ގާއިމް ކުރުމަށެވެ.