ކުޅިވަރު

ޓީމުގެ މަސައްކަތު ރޭޓް ވަރަށް ރަނގަޅު: ޕިއޯލީ


އޭސީ މިލާނުން ލީގުގެ ފުރަތަމަ މެޗުގައި ދެއްކި ކުޅުމާބަލާފައި ޓީމުގެ މަސައްކަތު ރޭޓް ވަރަށް ރަނގަޅުކަމަށް އެޓީމުގެ ކޯޗު ސްޓަފާނޯ ޕިއޯލީ ބުނެފިއެވެ.

އިޓާލިއަން ލީގުގައި ބޮލޯނާ އަތުން ހޯދި މޮޅަށްފަހު ވާހަކަ ދައްކަމުން ޕިއޯލީ ބުނީ ޓީމު ރަނގަޅަށް މަސައްކަތް ކުރާނަމަ ކުޅުންތެރިންގެ ވިސްނުމުން ވެސް އެތަފާތު ފެންނާނެކަމަށެވެ. މެޗުގައި ހުރިހާ ކަމެއް ވެސް ދިޔައީ އޭނާ އެންމެ ބޭނުންވާ ގޮތަށް ކަމަށާއި މެޗުގައި ހަމަލާތައް އުފެއްދުމާއި މުޅި ޓީމުއެކީ ކުރިޔަށް ޖެހިގެން ކުޅުނު ކުޅުމުން ޓީމުގެ ކުރި މަސައްކަތް ދޭހަވާކަމަށް މިލާންގެ ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި އޭސީ މިލާންގެ ދެ ލަނޑުވެސް ޖަހައިދިން އިބްރަހިމޮވިޗާ ގުޅޭގޮތުން ޕިއޯލީ ބުނީ، އޭނާ އަންނީ ދަނޑުމަތީގައިއާ ތަމްރީން ތަކުގައި ވެސް އޭނާއަކީ ޗެމްޕިއަނެއް ކަން ސާބިތުކޮށްދެމުން ކަމަށެވެ. ޓީމެއްގެ ގޮތުގައި އެކީގައި މަސައްކަތް ކޮށްފިނަމަ ވަކިވަކި ކުޅުންތެރިންގެ ހުނަރު ފެންނާނެކަން އިބްރަހިމޮވިޗު ސާބިތު ކޮށްދީފިކަމަށް ޕިއޯލީ ބުންޏެޗެ. ޔަގީން ކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރަން ވެސް ދަސްކުރަން ޖެހޭނެކަމަށާއި މިހުރިހާ ކަމަކަށް ގަދައަޅާ މަސައްކަތް ކޮށްފިނަމަ ރަނގަޅަށް މަސައްކަތް ކުރާނެކަމަށް ލީގު ފެށުމުގެ ކުރިން ޔޫރޮޕާ ލީގުގެ ކޮލިފައިން ވެސް ކާމިޔާބު ކުރި ކޯޗު ބުންޏެވެ.

މިލާންގެ ޑިރެކްޓަރ އޮފް ފުޓްބޯލް އަދި ކުލަބުގެ ކުރީގެ ކެޕްޓަން ބުނީ އަޒުމް ކަނޑައަޅަންވީ މިދިޔަ ސީޒަނަށް ވުރެ ކާމިޔާބު ސީޒަނެއް މިފަހަރު ނިންމާލަން ކަމަށާއި ލީގުގެ ހަވަނައަކީ މިލާނަށް ހައްގު މަގާމެއް ނޫންކަމަށެވެ.

ޔުރޮޕާ ލީގުގެ ޕްލިމިނަރީ ކޮލިފައިން ބުރުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ މިލާން ނޯވޭގެ ބޯޑޯ ގްލިމިޓްއާ ދެކޮޅަށް ނުކުންނާނެއެވެ.