ކުޅިވަރު

ބޭލްގެ އަމާޒު ތައްޓަށް


އަލުން އަނބުރާ ޓޮޓްނަމާ ގުޅުނު އެޓީމުގެ ކުރީގެ ފޯވާޑް ގެރެތް ބޭލް އެ ކްލަބާއެކު ތަށި ހޯދުމަށް އަމާޒު ހިފައިފިއެވެ.

ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓްނަމާ ގުޅުނު ފޯވާޑް ބުނީ ޓީމަށް ކާމިޔާބު ހޯދައިދޭން ކެތްމަދުވެފައިވާކަމަށާއި އޭނާގެ އަމާޒަކީ ޓޮޓްނާމާއެކު ތައްޓެއް ހޯދުން ކަމަށެވެ. ބޭލް ބުނީ ޓީމު ދޫކޮށްފައި ދިޔައިރުވެސް އެނބުރި ދެން އަނެއްކާވެސް އަންނަން ބޭނުންވީ ޓޮޓްނަމަށް ކަމަށާއި އެކަން ހާސިލުކުރެވުމުން އުފާވާކަމަށެވެ. ގިނަ ދުވަހު މެޗެއް ނުކުޅެ ހުރުމުގެ ސަބަބުން މިވަގުތުގައި އަމިއްލަ ފިޓަނަސް ރަނގަޅުކުރަން މަސައްކަތް ކުރަންޖެހިފައިވާ ކަމަށާއި އޭނާ ޓީމާ ގުޅޭނީ މުޅިން ފިޓްވުމުންކަމަށް ވޭލްސްގެ ކެޕްޓަން ބުންޏެވެ.

އޭނާ ބުނީ މެޑްރިޑާއެކު ގިނަ ތަށިތަކެއް ކާމިޔާބު ކުރެވިއްޖެކަމަށާއި އެހެންކަމުން ތަށިތައް ކާމިޔާބުކުރަން އޭނާ ވަރަށް ފަރިތަވާނެކަމަށެވެ. ތަށި ހޯދޭނެކަމުގައި ގާބިލްކަން ޓޮޓްނަމުގައި ހުރިކަން ސާބިތުކޮށްދޭން ބޭނުންވާކަމަށް ކުރިން ސައުތެމްޓަނަށް ވެސް ކުޅުނު ބޭލް ބުންޏެވެ.

މިހާރު އުމުރުން 31 އަހަރުގެ ބޭލް 2013 ވަނަ ޓޮޓްނަމުން ރެއާލް މެޑްރިޑަށް ވިއްކާލީ އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއްކަމަށްވާ 85 މިލިއަން ޕައުންޑަށެވެ. ބޭލް ވަނީ ލަލީގާއާ ޗެމްޕިއަންސް ލީގު އެއްކޮށް 100 ވުރެ ގިނަ ލަނޑު ޖަހާފައެވެ. އޭނާ ވަނީ ރެއާލް މެޑްރިޑަށް ލަލީގާގައި ކުޅެދިން 171 މެޗުން އެކުލަބަށް 80 ލަނޑު ޖަހާފައެވެ. ބޭލްވަނީ މެޑްރިޑާއެކު ކޮޕަރ ޑެލްރޭ، ލަލީގާ ދެ ފަހަރު އަދި ތިން ފަހަރު ޔޫއެފާ ސުޕަރ ކަޕާއި ކުލަބް ވަރލްޑް ކަޕް ކާމިޔާބުކޮށްފައެވެ.