ދުނިޔެ

ކޯވިޑް-19 ފެތުރޭތީ އުރުދުންގެ މަދަރުސާތައް ދެ ހަފުތާއަށް ބަންދު


އުރުދުންގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމުން އެ ޤައުމުގެ މަދަރުސާތައް 2 ހަފްތާއަށްް ބަންދުކުރުމަށް ނިންމައިފިއެވެ.
އުރުދުންގައި މިހާތަނަށް 3528 މީހުންނަށް ކޯވިޑް-19 ޖެހި 25 މީހުންވަނީ މަރުވެފައެވެ.

10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އުރުދުންގައި ބަލި ފެތުރުން ހުއްޓުވުމަށް މިދިޔަ މާރިޗު މަހުގައި އެ ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި ފުރަބަންދު އުވާލައި، ދެ މިލިއަނަށްވުރެ ގިނަ ދަރިވަރުންވަނީ މަދަރުސާއަށް އަލުން ހާޒިރުވާން ފަށައިފައެވެ. އަދި ސެޕްޓެމްބަރު މަހުގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައްވަނީ އަލުން ފަށައިފައެވެ. އޭގެ ފަހުން ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެ ފާއިތުވި ހަތަރު ދުވަހު ދުވާލެއްގެ މައްޗަށް 200އެއްހާ މީހުންނަށްދަނީ ބަލިޖެހެމުންނެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު އުރުދުންގެ ސަރުކާރުންވަނީ މަދަރުސާތައް ބަންދުކުރުމުގެ އިތުރުން އަޅުކަންކުރާ ތަންތަނާއި ރެސްޓޯރަންޓުތަކާއި މާރުކޭޓުތައް ބަންދުކުރުމަށް ނިންމާފައެވެ. ރަސްމީ އިދާރާތަކުން ޤަބޫލުކުރާގޮތުގައި ޤައުމުގައި ބަލި ފެތުރުން އިތުރުވެފައިވަނީ އިޖުތިމާޢީ ބޮޑެތި އެއްވުންތަކާއި ކައިވެނި ހަފުލާތައް ބޭއްވުމުގެ ސަބަބުންކަމަށެވެ. އެއްވުންތަކާއި ހަފްލާތައް ބޭއްބުން މިހާރުވަނީ މަނާކޮށްފައެވެ. ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުންދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރުދުންގެ ޞިއްޙަތާއި ބެހޭ ވަޒީރު ސާދު ޖާބިރު ވިދާޅުވީ ކުރިން ތަންފީޒުކުރި ފަދަ ހަރުކަށި ފުރަބަންދެއް ދެވަނަ ފަހަރަށް ތަންފީޒުކުރުމަށް ސަރުކާރުން ބޭނުން ނުވާކަމަށެވެ. މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީވެސް ހަރުކަށި ފިޔަވަޅުތަކެއް ނަމަވެސް އެ ފިޔަވަޅުތަކުގެ ސަބަބުން ބަލިފެތުރޭ މިންވަރު އިތުރުވުން ހުއްޓުވާ މުޅި ޤައުމު އެއްކޮށް ބަންދުކުރަން މަޖުބޫރުވުމުން ދުރުހެލިކޮށްދޭނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. ޤައުމު އަލުން ބަންދުކުރަންޖެހިއްޖެނަމަ ނޭދެވޭ ބޮޑެތި އަސަރުތައް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދަށް އިތުރު 5 އިންސައްތައިގެ ހީނަރުކަމެއް އަންނާނެކަމަށްވަނީ ބެލެވިފައެވެ. އެއީ 1990ވަނަ އަހަރުން ފެށިގެން އުރުދުންގެ އިޤްތިޞާދަށް އަންނާނެ އެންމެ ބޮޑު ލޮޅުމެވެ. އުރުދުންގެ ބޮޑުވަޒީރު އޮމަރު އައްރައްޒާޤު ވިދާޅުވީ ޤައުމު ދެވަނަ ފަހަރަށް ފުރަބަންދުކުރަން ޖެހިއްޖެނަމަ އެހެން ޤައުމުތަކުގެ އެހީތެރިކަމަށް ބަރޯސާވާ އުރުދުންގެ ނާޒުކު އިޤްތިޞާދަށް ބޮޑެތި ގެއްލުންތައް ލިބޭނެކަމަށާއި އެފަދަ ޙާލަތަކަށް ނުވެއްޓޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.