ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.
ދުނިޔޭގައި 29.1 މިލިއަނަށްވުރެ ގިނަ މީހުންނަށް މިހާރު ވަނީ ކޯވިޑް-19 ޖެހިފައެވެ. މީގެ ކުރިން އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. އެ ދުވަހު ބަލިޖެހިފައިވަނީ 306،857 މީހުންނަށެވެ.
ޑަބްލިއުއެޗުއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 307،930 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 4.8 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 94،372 މީހުންނަށްވަނީ ބަލިޖެހިފައެވެ.
މިދިޔަ ދުވަސްތަކުގައި ކޮންމެ ދުވަހަކުވެސް ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. މިދިޔަ ހަފުތާގައި އެ ޤައުމުގައި 97،570 މީހުންނަށްވަނީ އެއްދުވަސްތެރޭގައި ބަލިޖެހިފައެވެ. އެއީ ބަލި ފެތުރެން ފެށީއްސުރެ އެއް ޤައުމަކުން ޤައުމެއްގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އެއްދުވަސް ތެރޭގައި ބަލިޖެހިފައިވާ ޢަދަދެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އެމެރިކާގައެވެ. ޖުމްލަ 6.7 މިލިއަން މީހުންނަށް ބަލިޖެހިފައިވާ އެމެރިކާގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 45،523 މީހުންނަށް ކޯވިޑް ވަނީ ޖެހިފައެވެ. ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ބުރެޒިލުގައި އިއްޔެ އެކަނިވެސް 43،718 މީހުންނަށްވަނީ ބަލިޖެހިފައެވެ.
ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 917،417 އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5،537 މީހުންވަނީ މަރުވެފައެވެ. އެމެރިކާއާއި އިންޑިޔާއާ ދެ ޤައުމުންވެސް އިއްޔެ ވަނީ 1000އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ބުރެޒިލުގައި މަރުވެފައިވަނީ 874 މީހުންނެވެ. ކޯވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އޭޕްރިލް މަހުގެ 17ވަނަ ދުވަހުގައެވެ. އެއީ 12،430 މަރެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި ދުނިޔޭގެ 58 ޤައުމެއްގައި ކޯވިޑް-19ޖެހޭ މީހުންގެ ޢަދަދު އަދިވެސްދަނީ އިތުރުވަމުންނެވެ. އާޖެންޓީނާ، އިންޑޮނޭޝިޔާ، މޮރޮކޯ، ސްޕެއިންގެ އިތުރުން ޔުކްރެއިންގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެމެރިކާއި ބުރެޒިލުގައި ބަލިޖެހޭ މީހުންގެ ޢަދަދު އަންނަނީ ދަށްވަމުންނެވެ.