ކުޅިވަރު

ކޯވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕް ކެންސަލްކޮށްފި


މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރަން އޭއެފްސީން ނިންމައިފިއެވެ.

އޭއެފްސީން މިގޮތަށް ނިންމީ ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ ބައެއް ސަރަހައްދުތަކުގައި މެޗުތައް ކުރިއަށްގެންދެވޭނެ ގޮތެއް ނެތުމުންނެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް ކުރިޔަށްގެންދިޔުމާއި މެދު ގޮތެއް ނިންމުމަށް އެ އިދާރާގެ ކޮމްޕެޓިޝަން ކޮމިޓީން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެ ބައްދަލުވުމަށްފަހު އޭއެފްސީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް އޮންލައިންކޮށް މިއަދު ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި ވަނީ ކޮމްޕެޓިޝަން ކޮމިޓީގެ ލަފާގެ މަތިން އޭފްސީ ކަޕް މިއަހަރު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން މުބާރާތް ކެންސަލް ކުރަން ނިންމާފައެވެ. ނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގު ފުރިހަމަކުރަން އޭއެފްސީން ވަނީ ނިންމާފައެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކްލަބެއެވެ. މި ދެޓީމު ވަނީ މިހާތަނަށް މި މުބާރާތުގައި އެއް މެޗު ކުޅެފައެވެ.

އޭއެފްސީން އަލުން މުބާރާތް ފަށަން ރޭވީ ކޮންމެ ގްރޫޕެއްގެ މެޗުތައް ސެންޓްރަލައިޒްކޮށް ވަކި ސަރަހައްދެއްގައި ކުރިއަށްގެންދިއުމުގެ ގޮތުންނެވެ. އެގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގްރޫޕް ކަމަށްވާ ގްރޫޕް އީގެ މެޗުތައް އޮކްޓޫބަރު މަހުގެ ތޭވީހުގައި މާލޭގައި ފެށުމަށް ވަނީ ކުރިން ހަމަޖެހިފައެވެ.

އޭއެފްސީ ކަޕް ކެންސަލްކޮށްފައި މިވަނީ މުބާރާތަށް ތައްޔާރުވުމަށް މާޒިޔާއިން ޕްރެކްޓިސް ފަށާފައިވަނިކޮށެވެ. އަދި މާޒިޔާއާއެކު އެއް ގްރޫޕެއްގައި ހިމެނޭ ބަޝުންދުރަ ކިންގްސުން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބްރެޒިލްގެ ދެ ކުޅުންތެރިން ލޯނު އުސޫލުން އެޓީމަށް ގެނެސްފައެވެ.

މިއަހަރުގެ މުބާރާތް ކެންސަލް ކުރަން އޭއެފްސީން ނިންމާފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާރޗު މަހުން ފެށިގެން އޭއެފްސީ ކަޕުގެ މެޗުތައް ވަނީ މެދުކަނޑާލާފައެވެ.