ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ރިޕޯޓްގައި ފާހަނގަކޮށްފައިވާ 8 މައްސަލައެއް ތަހުޤީޤު ކުރަމުންދާ ކަމުގައި އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) ވިދާޅުވެއްޖެއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން 8 މައްސަލައެއް އޭސީސީން ތަހުގީގް ކުރަމުންދާކަމަށެވެ. މިމައްސަލަތައް ތަހުގީގު ކުރަމުންދަނިކޮށް އަމިއްލަ ފަރާތަކުންވެސް މި އޮޑިޓް ރިޕޯޓްގައި ހުރި ބައެއްކަންކަން ބެލުމަށް އޭސީސީއަށް ހުށަހަޅާފައިވާތީ އެކަންތައްވެސް ކޮމިޝަނުނ ބަލަމުންދާކަމަށް އޭސީސީގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ރިޕޯޓްގައި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތުގެ ދަށުގައި ނުހިމެނޭ ކަންތައްތަކަށް 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވަނީ ހާމަވެފައެވެ.
އޮޑިޓް ރިޕޯޓްގައި ކޯވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ އެމިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫންކަމާއި، އެ ކަންކަން ކުރުމުގެ ޒިންމާ އާއި ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ޖުމުލަ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ %99 އަކީ އެމިނިސްޓްރީގެ މެންޓޭޑުން ބޭރުން ކޮށްފައިވާ ޚަރަދުތަކެއްކަމަށް ވަނީ ބުނެފައެވެ.
ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑުން ކުރާ ހުރިހާ ޚަރަދެއްގެ ހުއްދަދޭނީ ފަންޑުގެ ހިންގާ ކޮމިޓީންކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް އެ ފަންޑުން ކޯވިޑް-19 އާ ގުޅިގެން ކުރި އެއްވެސް ޚަރަދުކުރީ ކޮމިޓީން ފާސްކޮށްގެން ނޫންކަމަށް އޮޑިޓްގައި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ކޯވިޑް-19 އާގުޅިގެން އެ ފަންޑުން ޚަރަދުކުރި މައިގަނޑު ކަންތައްތަކާއި، އެ ކަންތައްތަކާއި ގުޅިގެން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ރެކޯޑުތަކުން ދައްކާ ޚަރަދުގެ ތަފްޞީލުތައްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ހިމަނާފައެވެ.
އޯޑިޓް ރިޕޯޓްގައިވާ ގޮތުން ކޯވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ރާއްޖޭގެ އެކި އެއަރޕޯޓުތަކުގައި ތަރމަލް އިމޭޖިން ކެމެރާ ސިސްޓަމްތައް ބަހައްޓާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެންނެވެ. މިމަސައްކަތްތައް ހަވާލުކުރުމުގައި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާއި މަޝްވަރާކޮށް އެ ފަރާތްތަކުގެ ލަފާ ހޯދާފައި ވެސް ނުވާކަންވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ ކަން ހިނގާފައިވާ ގޮތް ނޫން މަންޒަރެއް ލިޔެކިޔުމުން ދައްކަން އެ މިނިސްޓްރީން މަސައްކަތް ކޮށްފައިވާކަމަށެވެ.
އެހެންކަމުން ކޯވިޑް-19 އާގުޅިގެން ޓްރަސްޓް ފަންޑުން ޚަރަދުކުރުމުގައި، ސިންގަލް ސޯރސްކޮށް ޙަވާލުކޮށްފައިވާ ކަންތައްތަކުގައި އިތުރު ފަރާތްތައް ޝާމިލު ކުރުމުގެ ސަބަބުން، ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރަންޖެހިފައިވުމާއި، މަސައްކަތްތައް ކުރުވި ގޮތް ނޫން މަންޒަރެއް ލިޔެކިއުމުން ދައްކަން މަސައްކަތް ކޮށްފައިވާތީއާއި، ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކޮށްފައިވާ ކަމަށް ދެއްކުމަށް ޓަކައި ލިޔެކިއުންތައް ފަހުން ތައްޔާރުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ މިކަންކަން އިތުރަށް ތަހުގީގުކުރުމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ އަންގާފައެވެ.