ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އަލީ ރަޝީދު އިންތިޚާބުކޮށްފިއެވެ.
ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބުގައި އެސޯސިއޭޝަންގެ ރައީސްކަމަށް އަލީ ރަޝީދާ ވާދަކުރި ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން މި އިންތިޚާބު ފަސްކޮށްދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށެހެޅި ނަމަވެސް އެގޮތަށް ކޯޓުން އަމުރު ނެރެދީފައެއް ނުވެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ފަނަރަ ކްލަބަކާއި ދުއިސައްތަ ހަތްދިހަ ދެ މެމްބަރުންނަށް ލިބުނެވެ. ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ހޮވުނު ޢަލީ ރަޝީދު އާއި ޝިއުރީގެ ޕެއާ އިން ވަނީ ކުރިމަތިލެއްވި އެހެން ހުރިހާ މަގާމެއް ވެސް ކާމިޔާބުކޮށްފައެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިޔަށްދިޔަ ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބުގައި ތޯހާ ސަލީމާއި ވާދަކޮށް ޢަލީ ރަޝީދު ރައީސްގެ މަގާމު ދިފާއު ކުރީ 155 ވޯޓު ހޯދައިގެންނެވެ. ތޯހާ ސަލީމަށް ލިބިވަޑައިގަތީ 80 ވޯޓެެވެ. ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވީ ޢަލީ ރަޝީދުގެ ޓީމުގައި ހިމެނޭ އިބްރާހިމް ޝިއުރީއެވެ. ޝިއުރީއަށް 165 ވޯޓު ވަނީ ލިބިފައެވެ.
މީގެ އިތުރުން ހަޒާންދާރުގެ މަގާމަށް ހޮވުނު އަޙުމަދު ޝާޒިލަށް 152 ވޯޓު ލިބުނުއިރު، ކުލަބު މެންބަރަކަށް ހޮވުނު ޖާދުﷲ ހަސަނަށް ވަނީ 12 ވޯޓު ލިބިފައެވެ. އަދި ފަރުދީ އަންހެން މެންބަރުގެ މަގާމަށް ހޮވުނު އައިޝަތު ސަމާހަތު ބިންތި ފިރާގަށް 143 ވޯޓު ލިބުނުއިރު، ފަރުދީ ފިރިހެން މެންބަރުގެ މަގާމަށް ހޮވުނު އައްޒާމް އިބްރާހިމަށް ވަނީ 154 ވޯޓު ލިބިފައެވެ. އެސޯސިއޭޓް މެންބަރަކަށް ހޮވުނު އިސްމާއިލް ޝުޖާއުއަށް ވަނީ 144 ވޯޓު ލިބިފައެވެ.
2006 ވަނަ އަހަރު ޓީޓީ ކުޅުން ހުއްޓާލުމަށް ފަހު ދެ އަހަރު ދުވަހު އެސޯސިއޭޝަންގެ އިދާރީ މަސައްކަތުގައި އުޅުމަށް ފަހު ޢަލީ ރަޝީދު ވަނީ 2008 ވަނަ އަހަރުން ފެށިގެން ޓީޓީގެ ނައިބު ރައީސްގެ މަގާމް އަދާކޮށްފައެވެ. ޢަލީ ރަޝީދުގެ ރައީސްކަމުގައި ރާއްޖޭގެ ޓީޓީ ވެގެންގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްތެރޭ އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅިވަރަށެވެ. އެގޮތުން މިދިޔަ ދައުރުގައި ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އޭޝިއާ ހޯޕްސް މުބާރާތުގެ ރަން މެޑަލް ހޯދިއިރު މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން ރަން މެޑަލް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ހޯދައިފައެވެ.
ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާފައިވާއިރު މީގެ ކުރިން ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ ސިވިލް ކޯޓުން ބަލަން ފެށުމާއެކު، ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެއް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ވަނީ ދީފައެވެ.