ޚަބަރު

ބިދޭސީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ޙުއްދަދޭ ޤަވާޢިދު އެކުލަވާލައި އަމަލުކުރަން ފަށައިފި


ދިވެހިރާއްޖޭގެ ކޯޓުތަކުގައި ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާއިގުޅޭ ގަވާއިދެއް އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.

ބާ ކައުންސިލުން އެކުލަވާލި "ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަވާއިދު"ގައި ވާގޮތުން ދިވެހިރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި، ބިދޭސީ ޤާނޫނީ ވަކީލަކު ވަކާލާތު ކުރުމުގެ ހުއްދައަށް އެދި، ބާ ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ، ލޯ ފާމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް ނުވަތަ ބަންޑާރަނައިބުގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށްވެސް ހުށައެޅިދާނެއެވެ.

މިކަމަށް އެދޭ ފަރާތްތަކަށް ޙުއްދަ ދިނުމުގައި ބިދޭސީ ޤާނޫނީ ވަކީލަކީ ވަކާލާތު ކުރުމުގެ ޞައްޙަ ހުއްދައެއް ލިބިފައިވާ ވަކީލެއްކަން ކަށަވަރު ކުރުމާއި، ކުށުގެ ރެކޯޑެއް ނެތް ވަކީލެއްކަން ބާކައުންސިލުން ކަށަވަރުކުރާނެއެވެ. އަދި ވަކީލުކަން ކުރުމުގެ ޙުއްދަ ދޫކުރާނީ ވަކީލަކަށް ހުއްދަ ދިނުމާއި މެދު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ގޮތެއްގެމައްޗަށެެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ވަކާލާތު ކުރަން ހުއްދަ ދޭ ބިދޭސީ ޤާނޫނީ ވަކީލުން، ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި، ގަވާއިދުތަކާއި، ދިވެހިރާއްޖޭގައި ވަކީލުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުގެ އިތުރުން ކޯޓަށް ކޯޓުތަކުން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އިޙްތިރާމްކުރުމާއެކު އެއަށް ޢަމަލު ކުރަންވާނެކަމަށް ޤަވާއިދުގައިވަނީ ހިމަނާފައެވެ. އަދި ބިދޭސީ ޤާނޫނީ ވަކީލަކު މަސައްކަތްކުރަން ހުއްދަ ދިން މައްސަލަ ނޫން އެހެން މައްސަލަތަކުގައި މަސައްކަތް ކުރުމަށްވެސް މިޤަވާއިދުގެ ދަށުން އެފަދަ ވަކީލުންނަށް ތަނެއް ނުދެއެވެ.

ބިދޭސީ ޤާނޫނީ ވަކީލުންނަށް ހުއްދަ ދިނުމަށް ފީ ނަގަން ވާނީ ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 2000 ރުފިޔާ، ހައިކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 5000 ރުފިޔާ އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމަށް 10000 ރުފިޔާކަމަށް ޤާވާއިދުގައި ވަނި ކަނޑައަޅާފައެވެ.

އަދި މިގޮތަށް ބިދޭސީ ވަކީލުންނަށްދޭ ހުއްދަ ދެމިއޮންނާނީ، އެ ހުއްދަ ދޫކުރި ތާރީޚުން ފެށިގެން، އެއް އަހަރުދުވަހުގެ މުއްދަތަށެވެ.

ޙުއްދަ ބާތިލު ވާނީ މުއްދަތު ހަމަވެގެން ނުވަތަ ހުއްދަ ދީފައިވާ މައްސަލައިގައި ކޯޓުން ޙުކުމެއް ކުރުން ފަދަ ކަންކަމާއި ގުޅިގެންނެވެ. މި ޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމާއެކު މިއަދުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ.