ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރުކޮށް މިހާރު ތިއްބެވި ކައުންސިލަރުންނަށް ފުރުސަތެއް ދީފައި ވަނީ ކައުންސިލްތަކުގެ ތެރޭގައި ޒާތީމައްސަލަތައް އިސްކޮށް އެކަންކަމުގައި ވަގުތު ދުއްވާލަން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަޒުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ލޯކަލްގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މަސައްކަތް ނުހުއްޓޭނެގޮތަކަށް ޤާނޫނަށް އިސްލާހުގެނައުމަށް ކޮމިޓީން ފާސްކުރި ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވަވައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ މި ބަދަލާއިއެކު ކައުންސިލްތައް ހިންގުމުގައި އެލްޖީއޭގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާނެކަމަށެވެ.
ކޯވިޑް19 އާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވި މިހާރު ތިއްބެވި ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޚާއްސަ ހާލަތުގައިވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ދިނުމަށް ކަމަށެވެ. މިހާލަތުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަންކަން ފުރިހަމަނުކޮށްދީ އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލަތައް ނަގައި އެކަންކަން ބެލުމަށް މަސައްކަތްކޮށް އެކަންކަމާއި މެދު ފިޔަވަޅު އެޅުމަށް އެލްޖީއޭގެ މަސައްކަތަށްވެސް ހުރަސް އެޅޭގޮތަށް ކުރެވޭ ކަންކަން ހުއްޓާލުމަށް އަލީ ނިޔާޒު ވަނީ ގޮވާލާފައެވެ.
"ކައުސިލްތަކުގެ މުއްދަތު މިހާލަތުގައި އިތުރުކުރީ ކައުންސިލަރުން އެތަނުގައި ތިބެގެން ބޭކާރު މަސައްކަތްތަކެއް ކުރާކަށްނޫމް. ޒާތީ މައްސަލަތައް އިސްކޮށް ކައުންސިލްތައް ހިންގަންތިބޭ ފަރާތްތަކާއިމެދު އިތުބާރު ނެތްކަމުގެ ވޯޓުތައް ނަގައި އެކަންކަން ތަހުގީގުކޮށް އެކަންކަމާއިމެދު ފިޔަވަޅު އެޅުމުގެ ވަގުތު ލޯކަލް ގަވާމެންޓް އޮތޯރިޓީ އިސްކޮށް އެކަމުގައި ވަގުތު ދުއްވާލަން ހޭދަކުރުމަކީ ހަގީގަތުގައި މިބިލް މިގޮތަށް ގެނައުމުގެ މަޤްސަދެއްނޫން. މިއީ ކައުންސިލްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ކޯޅެން ދިން ފުރުސަތެއްނޫން" އަލީ ނިޔާޒު ވިދާޅުވިއެވެ.
އަލީ ނިޔާޒު ވަނީ މިހާއްސަ ހާލަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެމްޑީޕީގެ ކައުންސިލަރުން ޒިންމާދާރު ކަމާއިއެކު، އެބޭފުޅުންނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ގޮވާލާފައެވެ. އަދި މިޚާއްސަ ހާލަތަށްފަހު ކައުންސިލް އިންތިޚާބު ބޭއްވި ޤާނޫނުގައި ކަނޑައަޅާފައިވާ އިޚްތިޔާރުތަކާއި ބާރުތައް ކައުންސިލްތަކަށް ދޫކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ޤާނޫނީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަންޖެހޭ ވަގުތުކަމަށްވެސް އޭނާ ވިދާޅުވިއެވެ.