ކުޅިވަރު

ހދ.ނޭކުރެންދޫގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި


ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުން އަންނަ ފުޓްސަލް ދަނޑުތަކުގެ ތެރެއިން ހދ. ނޭކުރެންދޫގައި ޔޫތް މިނިސްޓްރީން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށައިފިއެވެ.

ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށު ކައުންސިލްގެ ފަރާތުން އިއުލާން ކޮށްގެންނެވެ. މި ދަނޑުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. ދަނޑުގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށާފައިވާއިރު އެ ދަނޑުގައި ވަނީ ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ.

މި ދަނޑު އެޅުމަށް ދަޢުލަތުގެ ބަޖެޓުން ފަސް ލައްކަ ފަންސާސް އަށްހާސް ސާޅީސް ހަތް ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ހދ.ނޭކުރެންދޫގެ ދަނޑުގެ މަސައްކަތް ނިމުނުކަން ހާމަކޮށް ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހދ.ނޭކުރެންދޫގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާކަމަށެވެ. އަދި މިކަން ކުރުމަށްޓަކައި އެހީތެރިވެދެއްވި ކަމަށްޓަކައި ނޭކުރެންދޫ ކައުންސިލާއި، ޒުވާނުންނާއި، އަދި އެރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރާއީއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަޙުލޫފް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.