ޚަބަރު

އެޗްޕީއޭގެ ފިޔަވަޅުތަކާމެދު ހިތްހަމަ ނުޖެހި މަޖިލީހަށް ކުއްލި މައްސަލައެއް


ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭތީ، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނައި ބަދަލާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މިމައްސަލައިގަ ބަހުސް ކުރުމަށް މަޖިލީހުން ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 30 މެމްބަރުންގެ ވޯޓުންނެވެ.

ނަޝީދުގެ ކުއްލި މައްސަލައިގަ ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެބަލި ކޮންޓްރޯލްކުރުމަށްޓަކާ ސަރުކާރުގެ އިދާރާތަކުން މިހާތަނަށްވެސް ގިނަގުނަ ކަންތައްތަކެއް ކޮށްފައިވާއިރު، ސަރުކާރުގެ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކުން އަމަލުކުރަމުން ގެންގޮސްފައިވަނީ މި ބަލީގެ ސީރިއަސްކަން ދެނެގަނެ، މި ބަލިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅުތަކަށް ތަބާވުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއްކަމަށް ދެކިގެންކަމަށެވެ.

އަދި މާލެ ލޮކްޑައުންގައި ދިގު މުއްދަތެއްގައި އޮތްއިރުވެސް މާބޮޑެތި ޝަކުވާތަކެއްކުރުމެއްނެތި ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުންމަތީ ރައްޔިތުން ގޭގައި ތިބުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް މި މުއްދަތުގައި ވަނީ ބަގުރޫޓްވެފައިކަމަށެވެ. މިކަމުގައި ވިޔަފާރިތަކަށް އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށް ސަރުކާރުން ބުނިނަމަވެސް، އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބޭ އެތަކެއް ބައިވަރު ކުންފުނިތައް މިހާރުވެސް އެބަހުރިކަމަށް މިމައްސަލައިގަ ބުނެފައިވެއެވެ.

ކަންމިހެން އޮއްވާ ސަރުކާރުގެ ފަރާތުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ދަތިހާލެއްގައި ހިންގަމުންދާ އެތަކެއް ކުދި ވިޔަފާރިތަކެއް އިތުރަށް ބަގުރޫޓްވެ އެކަމުގެ ސަބަބުން އެތައް ހާސް ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް މި މައްސަލައިގަ ބުނެފައިވެއެވެ.