ޚަބަރު

ފައިނެންޝަލް އެގްޒެކެޓިވްއާއި ބިޑްކޮމިޓީގެ ޗެއަރ ހާޒިރުކޮށް މާލިއްޔަތު ކޮމިޓީ ބައްދަލުވުން މާދަމާ


ކޯވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރި ޚަރަދުތަކުގެ އޮޑިޓް ރިޕޯޓުގައިވާ ކަންމާގުޅިގެން ހެލްތު މިނިސްޓްރީގެ ފައިނެންޝަލް އެގްޒެކެޓިވްއާއި ބިޑްކޮމިޓީގެ ޗެއަރ މާލިއްޔަތު ކޮމިޓީއަށް ހާޒިރުނުވުމުން ކޮމިޓީގެ ބައްދަލުވުން މާދަމާއަށް ފަސްކޮށްފިއެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓަރާއި އެމިނިސްޓްރީގެ އެކިމަޤާމުތަކުގައި ތިބި 11 ބޭފުޅުންނާއި މިއަދު 11 ޖަހާއިރު މާލިއްޔަތު ކޮމިޓީން ބައްދަލުކުރަން ނިންމައި ކޮމިޓީ ފެށިއިރު ހެލްތު މިނިސްޓަރ އަމީން ހިމެނޭހެން 9 ބޭފުޅަކު މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް ހެލްތު މިނިސްޓްރީގެ ފައިނެންޝަލް އެގްޒެކެޓިވް، އަހްމަދު އަސްލަމާ، ބިޑްކޮމިޓީގެ ޗެއަރގެ ގޮތުގައިހުރި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތުމަތު ނިޝާމާ ކޮމިޓީއަށް ހާޒިރުވެފައިނުވެއެވެ.

އެދެ ބޭފުޅުން ހާޒިރުވާން އުޒުރުވެރިވެވަޑައިގަތީ، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ މައްސަލަތަކަކީ ފުލުހުންނާއި އޭސީސީން ތަހުގީގުކުރާ މައްސަލަތަކަކަށް ވުމުން ކޮމިޓީގައި މައުލޫމާތު ހިއްސާކުރުމަކީ ރަނގަޅު ގޮތަކަށް ނުވާކަމަށް އެދެބޭފުޅުންގެ ވަކީލުން ލަފާ ދެއްވާފައިވާތީކަމަށް ބުނެފައިވާކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެެ.

އެދެބޭފުޅުން ހާޒިރުނުވުމުން މެންބަރުން ވިދާޅުވީ މިފަދަ މައްސަލައެއް ހިނގައިގެން އުޅޭއިރު މިނިސްޓްރީގެ ފައިނެންޝަލް އެގްޒެކެޓިވްއާއި ބިޑްކޮމިޓީގެ ޗެއަރވެސް މިނިސްޓަރާއެކު ކޮމިޓީއަށް ޖަވާބުދާރީވާން ތިބުން މުހިއްމުކަމަށެވެ. އަދި މިއީ ޝަރުޢީ މަރުހަލާގައި އޮތް މައްސަލައަކަށް ނުވުމުން ވަކީލުން ވިދާޅުވިނަމަވެސް އެދެބޭފުޅުންނަށް ކޮމިޓީއަށް ހާޒިރު ނުވެވެންވީ ސަބަބެއް ނެތްކަމަށާއި އެދެބޭފުޅުންވެސް ހާޒިރުކުރުމަށް ކޮމިޓީން އަމުރެއް ނެރެންޖެހޭކަމަށެވެ. މެންބަރުންގެ މި ހުށައެޅުންތަކަށް ތާޢީދުލިބުމުން މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްވަނީ، ހާޒިރުނުވާ ދެ ބޭފުޅުން ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށާއި، އަދި ކަމާއި ގުޅޭ ލިޔެކިއުންތަކާއި ހާޒިރުކުރަންޖެހޭ 11 ބޭފުޅުންނާއެކު މާދަމާ 14:00ގައި ކޮމިޓީ ބައްދަލުވުމެއް ބާއްވަވާނެކަމަށް ވިދާޅުވެފައެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރައްވާފައިވަނީ ދުބާއީގެ ކުންފުންޏަށް ގެރެންޓީއަކާނުލައި އެޑްވާންސް ފައިސާ ދޫކުރި މައްސަލައެވެ. ދުބާއީގެ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް"އިން 75 ވެންޓިލޭޓަރު ގެނައުމަށް ރާއްޖެއިން އޯޑަރުކުރިއެވެ. އަދި ވެންޓިލޭޓަރުގެ އަގުގެ %90އަށްވާ 30 މިލިއަން ރުފިޔާ ވަނީ ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ޖަމާކޮށްފައެވެ.