ޚަބަރު

ދިވެހި ކުންފުނިތަކުގެ އިސް މަޤާމުތަކުގައި 60 އިންސައްތަ ދިވެހިން ތިބެންޖެހޭގޮތަށް ކޮމިޓީން ފާސްކޮށްފި


ދިވެހި ކުންފުނިތަކުގެ އިސް މަޤާމުތަކުގައި 60 އިންސައްތަ ދިވެހި މުވައްޒަފުން ތިބެންޖެހޭގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ގެންނަން ކޮމިޓީން ފާސްކޮށްފިއެވެ.

ވަޒީފާއާބޭހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލު ދިރާސާކުރުމުގެ މަސައްކަތްކުރަމުންދާ އިޤްތިސާދީ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށައަޅާފައިވާ ދެ އިސްލާއެއް އިއްޔެ ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

މެންބަރު ޝިފާޢު އިސްލާހު ހުށައަޅާފައިވަނީ 50 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކުގައި މުވައްޒަފުންނާބެހޭ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަންވާނީ ދިވެހި މުވައްޒަފެއްކަމަށާއި، 50 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ކުންފުނިތަކުގައި ސީނިއަރ މެނޭޖްމަންޓްގައި 60 އިންސައްތަ ދިވެހި މުވައްޒަފުން ތިބެންވާނެކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހިންނާ ބިދޭސީ މުވައްޒަފުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި ދިމާވާ ތަފާތު މައްސަލަތަކުގެ ކަންބޮޑުވުން އަބަދުވެސް ބޮޑު ޝަކުވާއަކަށްވެފައިވާއިރު، މިގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ކޮމެޓީން ފާސްކުރުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ދިވެހިންނަށް ފުރިހަމައަށް ލިބޭނެކަމަށެވެ.

ފަތުވެރިކަމުގެ ސިނާޢަތުގެ މަތީ މަޤާމުތަކަށް ދިވެހިންނަށް ފުރުޞަތު ފަހިކޮށްދެއްވުމަކީ އަދުގެ ސަރުކާރުން އިސްކަންދޭކަމެކެވެ.

ރިސޯޓްތަކުގެ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ފަހިކޮށްދީ މި ސިނާއަތު ކުރިއަރުވަން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މެދު ފަންތިއާއި މަތީ ފަންތީގެ ގިނަ މަޤާމުތައް ދިވެހިން އަދާކުރާ ގޮތް ހެދުމަށް އެދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ފުޅާކުރުމަށް އިސްކަންދިނުމުގެ މުހިންމުކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.