މައްސަލަ ބޮޑުވެފައިވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން އަމިއްލަ މީހެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރަންވެސް އުޅުނުކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރުތަށް ގެނައުމަށް ދުބާއީ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ މާލިއްޔަތު ޤާނޫނާ ޚިލާފަށް ކަން ހާމަކުރައްވައި އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުއްވި އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ސުވާލުކުރުމަށް އެ އިދާރާގެ އިސްވެރިންވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޟިރުކޮށްފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ވެންޓިލޭޓަރު ގެނައުމަށް ދެއްކުމަށް ހަމަޖެހިފައިވާ އެޑްވާންސް ފައިސާ، އަމިއްލަ މިހެއްގެ އެކައުންޓަށް ޖަމާކުރުމަށް މަސައްކަތް ކުރިކަމަށެވެ. މިކަމާގުޅޭ މުޢާމަލާތްތައް ކުރިއަށްދިޔަކަން ފެނަނަން އެބަހުރިކަމަށް އޮޑިޓް އޮފީހުގެ ޑިރެކްޓަރ އިބްރާހީމް ފަޒީލް ކޮމިޓީގައި ވިދާޅުވިއެވެ.
"ފުރަތަމަ ވާހަކަދެއްކީ ފައިސާ އަމިއްލަ އެކައުންޓަކަށް ޖަމާކުރަން. އެކަމުގެ މުޢާމަލާތްތައް ފެންނަން އެބަހުރި. ނަމަވެސް ފިނޭންސްއިން އެކަން ރިޖެކްޓްކުރީ. ފަހުން ފައިސާ ޖަމާކޮށްފައިވަނީ ދުބާއީގެ ކުންފުނި އެގްޒެކިއުޓަސް ޖެނެރަލް ޓްރޭޑިންގްއަށް." އިބްރާހީމް ފަޒީލް ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަށް ގެނައުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރައްވާފައިވަނީ ދުބާއީގެ ކުންފުންޏަށް ގެރެންޓީއަކާނުލައި އެޑްވާންސް ފައިސާ ދޫކުރި މައްސަލައެވެ. ދުބާއީގެ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް"އިން 75 ވެންޓިލޭޓަރު ގެނައުމަށް ރާއްޖެއިން އޯޑަރުކުރިއެވެ. އަދި ވެންޓިލޭޓަރުގެ އަގުގެ %90އަށްވާ 30މިލިއަން ރުފިޔާ ވަނީ ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ޖަމާކޮށްފައެވެ.