ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިންގެ ސެވިއްޔާއިން ހޯދައިފިއެވެ.
ސެވިއްޔާ ފައިނަލަށް ދަތުރުކުރީ ޖަރުމަނުގަ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިނގިރޭސިިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
ފައިނަލުގައި ސެވިއްޔާ ވާދަކުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ އިޓަލީގެ އިންޓަރ މިލާނާއި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް ބައްދަލުކުރާ މެޗުން މޮޅާ ޓީމަކާއި ދެކޮޅަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޗެމްޕިއަން ކޯޕަންހޭގަން 0-1 އިން ބަލިކޮށްގެންނެވެ. އަދި މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ސެވިއްޔާ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓަރ ފައިނަލުގައި އިނގިރޭސިވިލާތުގެ ވުލްވްސް ބަލިކުރުމަށްފަހުއެވެ.
ސެވިއްޔާ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިޔާ ތެރެއިން ޔުނައިޓެޑްގެ ރަޝްފޯޑަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ކާމިޔާބުކޮށްދިން ލަނޑެކެއެވެ.
ޔުނައިޓެޑުން ލަނޑު ޖަހާ ލީޑުނެގުމާއެކު ސެވިއްޔާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ކުރިޔަށް ޖެހިގެން ކުޅެން ފަށާފައެވެ. އެގޮތުން މެޗުގެ ސައްބީސް ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޫސޯއެވެ.
މި ލަނޑަށްފަހު ޔުނައިޓެޑްގެ މާޝިއަލް އަށް ވަނީ ދެވަނަ ފަހަރަށް ޔުނައިޓެޑް ލީޑު ނަގައިދިނުމަށް ފުރުޞަތެއް ލިބިފައެވެ. އެގޮތުން މާޝިއަލް ކުރިޔަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް ރަޝްފޯޑަށްވެސް ވަނީ ލަނޑެއް ޖަހަން ރަނުގެ ފުރުޞަތެއް ލިބިފައެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެންގޮސްފައެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު މާޝިއަލް ފޮނުވާލި ގިނަ ހަމަލާތަކެއް ސެވިއްޔާގެ ކީޕަރު ޔަޝިން ބޯނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި މެޗުގައި ސެވިއްޔާއިން ލީޑު ނެގީ 78 ވަނަ މިނެޓުގައެވެ. ހެސުސް ނަވާސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.
މި މޮޅާއެކު ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސެވިއްޔާއިން ވަނީ މެޗަކުން ބަލިނުވެ 20 މެޗު ހަމަކޮށްފައެވެ.
މިއީ މެންޗެސްޓަރ ޔުނައިޓެޑަށް ތަށްޓެއް ނުހޯދި ޖެހިޖެހިގެން ނިންމާލަން ޖެހުނު ތިންވަނަ ސީޒަނެވެ. އެންމެ ފަހުން ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ސީޒަނުގެ ޔޫރޮޕާ ލީގު މުބާރާތެވެ.