މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބ.ކުޑަރިކިލުގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
ބ.ކުޑަރިކިލު ކައުންސިލްގެ ފަރާތުން އިޢުލާންކޮށްގެން ކުރިޔަށް ގެންދިޔަ މި މަސައްކަތް ހަވާލުކޮށްފައިވަނީ ހެއިޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތައް ގާތްގަނޑަކަށް 1.23 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ކުޑަރިކިލުގެ ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލީ ކުޑަރިކިލު ޒުވާނުން އެދުނު ގޮތަށް ކަމަށެވެ. އަދި މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ދަނޑުގެ މަސައްކަތް ނިންމާލުމަށް ކުޑަރިކިލު ކައުންސިލާއި ޒުވާނުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
ބ.ކުޑަރިކިލުގައި ސަރުކާރުން ޚަރަދުކޮށްގެން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލާފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްސަލް ދަނޑު އަޅާ ބައެއް ދަނޑުތައް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި މިހާރު މަސައްކަތްކުރާ ދަނޑުތަކުގެ މަސައްކަތްވެސް އަވަސް މުސްތަޤްބަލެއްގައި ނިމި ބޭނުންކުރަން ފަށާނެކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.