ޚަބަރު

ރާއްޖެއަށް ބޭނުންވާ ކާޑާއި އެނޫންވެސް ޒަރޫރީ ބާވަތްތަކުގެ ކޯޓާ އިންޑިއާއިން އައުކޮށްދީފި


ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައު ކޮށްދީފިއެވެ.

މިކަން އަންގަވާފައިވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ދެބޭފުޅުން މިއަދު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކާބޯތަކެތީގެ ޒަރޫރީ 7 ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް ވަނީ އައު ކޮށްދީފައެވެ. ކޯޓާ އާކޮށްދިނުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެކަމަށާއި، މިކަމުގެ ސަބަބުން ކޯވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

ކޯޓާ އާކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތައް:

- ހަނޑޫ
- ހަކުރު
- ފުށް
- ފިޔާ
- ބިސް
- އަލުވި
- މުގު

ކޯޓާ އައު ކޮށްދީފައިވާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު:

- ހިލަ
- ހިލަވެލި

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އައު ކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ޚާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައިވެސް އިންޑިއާ ސަރުކާރަށް ޝުކުރެއް އަދާކުރެއްވިއެވެ.

ކޯވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައިދީފައެވެ.