ކުޅިވަރު

ޔޫރޮޕާ ލީގު: ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ޔުނައިޓެޑާއި އިންޓަރ އަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑާއި އިންޓަރ މިލާން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ޑެންމާކްގެ އެފްސީ ކޯޕަންހޭގަން އާއި ވާދަކޮށް 0-1 މެޗު ކާމިިޔާބުކޮށްގެންނެވެ. އަދި އިންޓަރ މިލާން ކުއާޓާ ފައިނަލުން ފުރުޞަތު ހޯދީ ބަޔާ ލެވަކޫސަންގެ މައްޗަށް 1-2 ކުރި ހޯދައިގެންނެވެ. މިއީ 10 އަހަރުގެ ތެރޭގައި އިންޓަރ މިލާން ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާއިން ފެށިގެން މެޗުތައް ކުރިއަށް ގެންދިޔުމަށް ޔުއެފާއިން ނިންމާފައި އޮތީ ޖަރުމަންގެ ހަތަރު ސިޓީއެއްގައެވެ. ކޯވިޑް-19 އާ ގުޅިގެން މިފަހަރުގެ ޔޫރޮޕާ ލީގުގެ ފޯމެޓަށް ބަދަލުގެނައިރު، ކުއާޓާއިން ފަށައިގެން ކުޅުމަށް ނިންމާފައިވަނީ އެއް ލެގެވެ.

އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއި ކޯޕަންހޭގަން ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތުއިރު ދެ ޓީމުން ކުރެއް އެއްޓީމަކަށްވެސް ލަނޑެއް ޖެހިފައިނުވާތީ، މެޗުގެ ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތު ދެ ހާފު ކުޅެގެންނެވެ. އެގޮތުން ޔުނައިޑެޓުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މާޝިއަލް އަށް ޕެނަލްޓީ އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެއެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ، ބްރޫނޯ ފެނާންޑޭސްއެވެ.

މެޗުގެ ފުރަަތަމަ ހާފުގައި ޔުނައިޓެޑަށް މާ އެދެވޭކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް އެޓީމަށް ލިބުނު މަދު ފުރުޞަތުތަކުގެ ބޭނުން ވަނީ ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅުގައި މޭސަން ގްރީންވުޑު ޔުނައިޓެޑަށް ލީޑު ނަގައިދިންނަމަވެސް ވީއޭއާރު ބެލުމަށްފަހު އެލަނޑު ކެންސަލްކޮށްފައިވަނީ ގްރީންވުޑް އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުގެ ހަމަލާތައްވަނީ އިތުރަށް ވަރަގަދަކޮށްފައެވެ. ޔުނައިޓެޑުން މުޅިމެޗުގައި 26 ހަމަލާއެއް އުފައްދާފައިވާއިރު، މިހަމަލާތައް ދިފާޢު ކުރުމުގައި ކޯޕަންހޭގަންގެ ކީޕަރު ޖޯންސަންވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑުގެ 13 ހަމަލާއެއް ދިފާޢުކޮށްފައެވެ.

މި މެޗުގެ އިތުރުން ޔޫރޮޕާ ލީގުގައި ރޭ އިޓަލީގެ އިންޓަރ މިލާނާއި ޖަރުމަނުގެ ބަޔާ ލެވަކޫސަން ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޓަރ މިލާންއެވެ.

މި މެޗު ފަށައިގެން އިންޓަރ މިލާނަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޯލޯ ބަރޭލާއެވެ. އަދި މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ރޮމެލޫ ލުކާކޫ ވަނީ އިތުރު ލަނޑެއް އިންޓަރއަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑާއެކު ލުކާކޫ ވެގެންގޮސްފައިވަނީ ޔޫރޮޕާ ލީގުގައި ޖެހެޖެހިގެން ނުވަ މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ލުކާކޫ ވަނީ މި ސީޒަނުގައި މިހާތަނަށް 31 ލަނޑު ޖަހައިފައެވެ.

އިންޓަރ މިލާނުން ދެ ލަނޑުގެ ލީޑެއްނެގިތާ އިރުކޮޅެއް ފަހުން ބަޔާ ލެވަކޫސަންގެ ކާއީ ހާވާޓްޒް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑަށްފަހުވެސް ބަޔާ ލެވަކޫސައިން ވަނީ އިތުުރު ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު މެންޗެސްޓާ ޔުނައިޓެޑާއި އިންޓަރ މިލާން ކާމިޔާބުކޮށްފައިވާއިރު، މި ދެޓީމު ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމެއް ކަނޑައެޅިގެންދާނީ މިރޭ ކުޅޭ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ނިމުމުންނެވެ.

އެގޮތުން މެންޗެސްޓާ ޔުނައިޓެޑް ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނީ ވުލްވްސް އާއި ސެވިއްޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އަދި އިންޓަރ މިލާން ނުކުންނަން ޖެހޭނީ ބަސެލް އާއި ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.