ކޯވިޑް-19ގެ އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގައި ބަލިޖެހުނު މީހުންގެ ޢަދަދު 5 މިލިޔަނަށްއިތުރުވެ ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ބްރެޒިލްގައި ބަލިޖެހިގެން މަރުވިމީހުންގެ ޢަދަދު އެއްލައްކައަށް އަރައިފިއެވެ.
މުޅި ދުނިޔޭގައި ކޯވިޑް-19 ބަލިޖެހުނު މީހުންގެ ޢަދަދު 19.5 މިލިޔަނަށްވުރެ ގިނަ މީހުންނަށް މިބަލިޖެހިފައިވާއިރު އެމެރިކާއާއި ބްރެޒިލް އަދި އިންޑިއާ ފާހަގަކުރެވެނީ ކޯވިޑް19 އެންމެ ގިނަމީހުންނަށް ޖެހުނު އަދި ބަލީގެ ޙާލަތު އެންމެ ނުރައްކާ ޤައުމުތަކުގެ ގޮތުގައެވެ.
ކޯވިޑް-19ގެ ތަފާސް ހިސާބުތައް އާންމުކުރާ ޖޯންސްހޮޕްކިންސް ޔުނިވަރސިޓީ އެންޑް މެޑިސިންގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އެކި ޤައުމުތަކުން މިހާތަނަށް 19,680,042 މީހުނަށް މި ބަލި ޖެހިފައިވާއިރު، އެމެރިކާގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 5,002,523 (ފަސް މިލިއަން ދެހާސް ފައްސަތޭކަ ތޭވީސް)އަށް އަރާފައެވެ.
ކޯވިޑް-19 ދެވަނައަށް އެންމެ ގިނަ މީހުންނަށް ޖެހިފައިވާ ބްރެޒިލްގައި ބަލިޖެހުނު މީހުންގެ ޢަދަދު 3 މިލިޔަނަށްވުރެ އިތުރުވެފައިވާއިރު، އެޤައުމުގައި ބަލިޖެހިގެން މަރުވި މީހުންގެ ޢަދަދު މިއަދުވަނީ ލައްކައަކަށް އަރާފައެވެ. އެޤައުމުގައި 100,477 މީހުން މަރުވެފައިވާއިރު މިއީ އެމެރިކާ ފިޔަވައި މިބަލީގައި މަރުވި މީހުންގެ ޢަދަދު ލައްކައަކަށް އެރި ފުރަތަމަ ޤައުމެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި 2.1މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު އެޤައުމުގައި 43 ހާސްމީހުންވަނީ މިބަލީގަިއ މަރުވެފައެވެ.
ދުނިޔެއިން މިބަލި ޖެހިގެން މިހާތަނަށް 727,777 މީހުން ވަނީ މަރުވެފައެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާގެ 162,455 މީހުން މިބަލީގައި މަރުވެފައި ވާއިރު ބްރެޒިލުން ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ މެކްސިކޯއާއި އިނގިރޭސި ވިލާތުންނެވެ.
19 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައި ވާއިރު، މިހާތަނަށް 12 މިލިޔަން މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ޖޯންސްހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ މީހުން ބަލިން ރަނގަޅުވީވެސް އެމެރިކާއިންނެވެ. ދެން އެންމެ ގިނަ މީހުން ރަނގަޅުވީ އިންޑިއާ އާއި ބެރެޒިލުންނެވެ.