ޚަބަރު

ކޯވިޑް-19 : 111 ތަނެއް ބަލައި 15 ތަނެއް ބަންދުކޮށްފި


އެޗްޕީއޭއިން އާންމުކޮށްފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވެގެން އިިތުރު 15 ތަނެއް ބަންދުކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ތަންތަން ހިންގަމުންދޭތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ އިންސްޕެކްޝަންގައި އިއްޔެ 111 ތަނެއް ބަލާފައިވާކަމަށެވެ. އަދި 15 ތަނަކާމެދު ފިޔަވަޅު އަޅާފައިވާކަމަށެވެ.

އުޞޫލާ ޚިލާފަށް ހިންގަމުންދިޔަ 3 ސެލޫންއަކާއި، 6 ފިހާރައެއްގެ އިތުރުން 6 ކެފޭ ރެސްޓޯރެންޓް އިއްޔެ ބަންދުކޮށްފައިވާކަމަށް އެޗް.ޕީ.އޭ.އިން ވިދާޅުވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު، އެ އުސޫލާ އެއްގޮތަށް އެތަންތަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއް ދެއެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗްޕީއޭގެ ޚާއްސަ ހޮޓްލައިނަށް ގުޅާ އެންގުމުން އަލުން އެތަނެއް އިންސްޕެކްޓްކުރުމަށްފަހު އުސޫލާއި އެއްގޮތަށް ހުރިނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން އަންނަނީ ދެމުންނެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުރަބަންދު ކުރުމަށްފަހު މާލޭގައި އާއްމު ޚިދުމަތްދޭ ތަންތަން އާންމުކޮށް ހުޅުވުމަށް ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އަލުން ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ވަކި ޝަރުތުތަކަކާއި އެކުގައެވެ.

އެގޮތުން ފިހާރަތަކަށް އެއްފަހަރާ ގިނަ ވެގެން މީހުންނަށް ވަދެވޭނެ މިންވަރާއި ކެފޭ ރެސްޓޯރަންޓްތަކުގައި މީހުން ތިބެން ޖެހޭނެގޮތްވެސް ވަނީ ކަނޑައަޅާ އާންމުކޮށްފައެވެ. އަދި އެތަންތަނުގައި ސެނިޓައިޒަރ ބަހައްޓައި އަތް ސާފުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަން ޖެހެއެވެ.