ޚަބަރު

ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ތަމްރީން ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި


ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާޙާއެކު ވަކީލު ކަމުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި މީހުން އެއް މަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލުކަމުގެ ހުއްދަ ދޭންޖެހޭ ގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާހްގެ ދަށުންނެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި މި ބިލުގެ އިޞްލާހުގައި، ބަޔާންކޮށްފައިވާ ގޮތުން މި އިޞްލާޙު ޤާނޫނަކަށްވެ އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޤާނޫނީ ވަކީލުކަމުގެ ހުވާކުރެވިފައިނުވާ އެންމެހާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން ރާވައި، ކުރިއަށްގެންދަންޖެހޭނެއެވެ.

ޤާނޫނަށް ގެނައި މި އިސްލާހާއެކު ތަމްރީން ފުރިހަމަ ކުރުމަށް ބޭނުންވާ ޤާނޫނީ ވަކީލުންނަށް ޚާއްސަ ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ގޫގަލް ފޯމް މެދުވެރިކޮށް ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށް އެކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ 5 އޮގަސްޓް 2020 ގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކެއްކަން އަންގާދިނުމަށްޓަކައި، ދަސްވެނިވެފައިވާ ދަރިވަރެއްނަމަ ޤާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ. އަދި ދަސްވެނިވެފައިނުވާނަމަ، ޤާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް އެ ދަރިވަރަކު ކޯސް ފުރިހަމަކުރިކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ކޯހުގެ ޓްރާންސްކްރިޕްޓެއް ހުށަހެޅުމަށްވެސް ބާ ކައުންސިލުން ވަނީ ދަންނަވާފައެވެ.

ބާ ކައުންސިލުން އެކުލަވާލާ ތަމްރީނުގެ އުސޫލުތައް އާންމުކުރާތާ ހަތް ދުވަސް ތެރޭގައި އެ ތަމްރީން ޕްރޮގްރާމް ފަށަން ޖެހޭނެ ކަމަށާއި ތަމްރީން ނިމޭ ތާރީޚުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ޖެހޭ ކަމަށްވެސް މަޖިލީހުން ޤާނޫނަށް ގެނައި އިސްލާހުގައިވެއެވެ.