ޚަބަރު

ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް މާދަމާ ޝަރީއަތް ކެންސަލްކޮށްފި


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ މަދާމާ އަށް ތާވަލްކުރި އަޑުއެހުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކެންސަލްކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް މާދަމާ ބާއްވަން ހައި ކޯޓުން ކުރިން އޮތީ ތާވަލްކޮށްފަ އެވެ. މާދަމާގެ އަޑުއެހުން ފަސް ކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ވަކީލުން އެދުނީ، މާލޭގައި ކޯވިޑް19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެނގިފައިވެއެވެ.

ދަށުކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ހުކުމް ބާތިލުކުރުމަށް އެދި ހުށައަޅާފައިވާ މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިތުރަށް ދައްކަން ބޭނުންފުޅުވާ ވާހަކަތައް ދެއްކުމެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލަން ކުރިން ތާވަލުކޮށްފައި އޮތްނަމަވެސް އިތުރު އަޑުއެހުމެއް ބާއްވަން ކޯޓުން ނިންމީ ޖަލުގައި ހުންނަވާ ވަކީލުންނާއި މަޝްވަރާކުރެއްވުމަށް ފުރުސަތު ލިބިވަޑައިނުގަންނަވާކަމަށް ވިދާޅުވެ އެކަމަށް ފުރުސަތަކަށް ރައީސް ޔާމިން އެދިވަޑައިގަތުމުންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް ލަސްވާކަމަށް ބުނެ އިދިކޮޅުން ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންނާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ކުރިއަށް ގެންދަނީ މައްސަލާގައި ހިމެނޭ ހުރިހާ އެންމެން ކޯޓަށް ހާޒިރު ކޮށްގެންނެވެ.

މަނީ ލޯންޑަރިންގެ ކުށްސާބިތުވެ ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ވަނީ ދަޢުވާކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއްނުވެއެވެ.