މިއަދު ރާއްޖެއިން 137 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވެ ނުރައްކާތެރިކަން ބޮޑުވި ދުވަހަކަށް މިއަދުވެއްޖެއެވެ.
މިއަދު 92 ދިވެހިން ޕޮޒިޓިވްވެފައިވެއެވެ. މިޢަދަދާއެކު މިއަދު ވެފައިވަނީ އެންމެ ގިނައިން ދިވެހިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި ދުވަހަށެވެ.
އެޗްޕީއޭއިން ވިދާޅުވީ ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00އާ ހަމައަށް ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި 92 ދިވެހިންނާއި ބަންގްލަދޭޝްގެ 31 މީހެއްގެ އިތުރުން އިންޑިއާގެ 9 މީހަކާއި ސްރީލަންކާގެ 4 މީހަކާއި ފިލިޕީންސްގެ މީހަކު ހިމެނޭކަމަށެވެ.
މިދިޔަ މާޗްމަހުގެ 7ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ފެނުނު ކޯވިޑް-19ގެ ކޭހާއެކު އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ. އެދުވަހު 179ވަނީ މީހުން ޕޮޒިޓިވްވެފައެވެ. އޭރު ގިނައިން ޕޮޒިޓިވްވީ ބިދޭސީންނެވެ.
ފުރަބަންދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޭރު ބަލިޖެހުނު މީހުންގެ ޢަދަދު މަދުވަމުންގޮސް ފުރަބަންދު ނިމުނުއިރު އެޢަދަދުވަނީ ބޮޑުތަނުން މަދުވެފައެވެ. ނަމަވެސް ފުރަބަންދަށްފަހު ދިން ލުއިތަކާއެކު ބަލި ޖެހޭ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންގޮސް މިއަދު މިވަނީ ސަތޭކައިން މައްޗަށް އަރާފައެވެ. މިހާރު ބަލިޖެހުނު ދިވެހިންގެ ޢަދަދަކީ 1623އެވެ. އަދި ބިދޭސީންގެ ޢަދަދަކީ 1883އެވެ.
މިހާރު ރާއްޖެގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދުމިވަނީ 3506އަށް އިތުރުފައެވެ. އަދި ބަލިޖެހިގެން ފަރުވާދޭ މީހުންގެ ޢަދަދުވަނީ ހާހަކާ ގާތްކޮށްފައެވެ. ފުރަބަންދު ނިމުނުތާކައިރީގައި ފަރުވާދޭ މީހުންގެ އަދަދު 300އަށްވުރެ ދަށްވެފައިވާއިރު މިހާރު ފަރުވާދޭ މީހުންގެ ޢަދަދަކީ 929އެެވެ.
މިއަދު މިބަލިން އެއްވެސް މީހަކު ބަލިން ރަނގަޅުނުވާކަން އެޗްޕީއޭއިން ހާމަކުރެއްވިއެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޝިފާލިބުނު މީހުންގެ ޢަދަދު 2547އަށް މިވަނީ އަރާފައެވެ. ބަލި ހުރިތޯ ބެލުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދުމިވަނީ 75550 އަށް އިތުރުވެފައެވެ.
މިބަލިޖެހިގެން މިހާތަނަށް 15 މީހުން ރާއްޖޭގައި ނިޔާވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް އިތުރުވަމުންދާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.