ޚަބަރު

ޤަވާޢިދާ ޚިލާފުވެގެން 200އަށްވުރެ ގިނަ ވިޔަފާރިތަކުގެ ވެރިންނަށް ނަސޭހަތް ދީފައިވޭ - ފުލުހުން


ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކަނޑައަޅާފައިވާ މަނާގަޑީގައި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކުން ޚިދުމަތްދީގެން 200އަށްވުރެ ގިނަ ތަންތަނާއި ސުވާލުކޮށް ނަސޭހަތްދީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް ވިދާޅުވީ ފުރަބަންދަށް ލުއިދިންނަމަވެސް، ހެދިފައިވާ ޤާވައިދުތަކާއި އުސޫލުތަކަށް ޢަމަލުކުރޭތޯ ބެލުމުގެ މަސައްކަތްތައް ފުލުހުން ކުރިއަށްގެންދާކަމަށެވެ.

އެގޮތުން މިވަގުތު އެންމެ މުހިންމު މަސައްކަތެއްގޮތުން ފުލުހުން ކުރިއަށްގެންދަނީ މަނާ ވަގުތުގައި މިހުން ބޭރަށް ނުކުމެ އުޅުމާއި، ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކުން ޚިދުމަތްދެނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަޑިތަކާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތެވެ.

ޗީފް އިންސްޕެކްޓްރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް ވިދާޅުވީ ބައެއް ތަންތަނުން އަދިވެސް ޚިދުމަތް ދިނުމުގައި ޢުސޫލުތަކާއި ޚިލާފަވާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން 101 ވިޔަފާރިއާއި، ކެފޭ ހޮޓާ ރެސްޓޯރަންޓް ހިމެނޭހެން 110ތަނަކާއި ސުވާލުކޮށް ނަސޭހަތްތެރިވެފައިވާކަމަށެވެ. އަދި މަނާ ގަޑީގައި މަގުމަތީ އުޅެގެން 2075މީހުންނަށް ނަސޭހަތްތެރިވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޖުލައި 1އިން މިއަދާހަމައަށް 101ތަނަކުން ނުގަވައިދުން ވިޔަފާރިކޮށްގެން ނަސޭހަތްތެރިވީން. 23ތަން ޖޫރިމަނާކުރި. ކެފޭ ހޮޓާ ރެސްޓޯރަންޓް ހިމެނޭހެން 110ތަނަކަށް ނަސޭހަތްތެރިވެ، 14ތަން ޖޫރިމަނާކުރިން. ނުގަވައިދުން މަގުމަތީ އުޅުނު 2075މީހުންނަށް ނަސޭހަތްތެރިވެ 40މީހުން ޖޫރިމަނާކުރި." ޝަރީފް ވިދާޅުވިއެވެ.

24ގަޑިއިރުގެ ފުރަބަންދުގައި އޮތްއިރު ގަވައިދާ ޚިލާފުވެގެން 9000އަށްވުރެ ގިނަ މީހުން ހިފަހައްޓައި ޖޫރިމަނާކުރިއެވެ. އަދި ޢަމުރާއި ޚިލާފުވެގެން ބައެއް ފަރާތްތަކާއިމެދު ދަޢުވާ ކުރަން ފޮނުވިނަމަވެސް، މިހާރުވަނީ ދަޢުވާ ނުކުރުމަށް ނިންމާފައެވެ.

ފުރަބަންދުގެ ލުއިތަކާއެކު މިހާރު ސައި ހޮޓާތަކާއި ކެފޭ ރެސްޓޯރަންޓްތަކުން ޚިދުމަތްދެވެނީ ފަތިހު 5:00އިން ރޭގަނޑު 10:00އަށެވެ. އަދި ފިހާރަތަށް ހެނދުނު 9އިން ރޭގަނޑު 10އަށް ޚިދުމަތްދެވެއެވެ. ވިޔަފާރިތަށް ހުޅުވަން ހުއްދަ ދިނުމުގެ ކުރިން އެޗްޕީއޭއިންވަނީ ކޮންމެ ތަނެއްގައިވެސް ބަހައްޓަންޖެހޭ ވަކި މިންގަނޑުތަކެއް ކަނޑައަޅާފައެވެ.