ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ބައެއް ސާމާނު ޔުނިސެފުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ. ޔުނިސެފުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް(ޕީޕީއީ)އާއި، ސެނެޓައިޒަރ އާއި ސައިބޯނިކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިތަކެތި މިނިސްޓަރ އޮފް ހެލްތާއި ޙަވާލްކޮށްދެއްވީ ޔުނިސެފްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. މުނީރު ސަފީލްދީންއެވެ.
ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޔުނިސެފުން އަންނަނީ ދިވެހިރާއްޖެއަށް ގިނަ އެހީތައް ދެމުންނެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ މިއަދު ހަދިޔާކުރި ތަކެއްޗަކީ ޔުނިސެފުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ކަމަށެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ޔުނިސެފްގެ ފަރާތުން މެދުނުކެނޑި ޞިއްޙީ ދާއިރާއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެޖަމްޢިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯވިޑް-19އަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތްކަށް ޔުނިސެފްގެ ފަރާތުން ލިބެމުންދާ އެއްބާރުލުން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ޔުނިސެފުން ޙަވާލުކުރި ތަކެއްޗާއިއެކު އަތޮޅުތަކުގައި ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޞިއްޙީދާއިރާއަށް ޔުނިސެފްގެ ފަރާތު ތަފާތު އެކިގޮތްގޮތުން ދަނީ އެހީތެރކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމާއި، ޢާއްމު ޞިއްޙަތާއި ގުޅޭ އެކި ދާއިރާތަކުން އެޖަމްޢިއްޔާއިން ދަނީ މެދުނުކެނޑި އެހީތެރިކަން ފޯރުކޯށްދެމުންނެވެ.