ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލްތައް އުވާލުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމުގައި އުފައްދާފައިވާ މުޢައްސަސާ އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
ޖާބިރުގެ ޤަރާރު ބަލައިމަގަތުމާއިމެދު ނެގުނު ވޯޓުގައި ޤަރާރު ބަލައި ނުގަތުމަށް 60 މެމްބަރަކު ވަނީ ވޯޓްދެއްވާފައެވެ. މި ޤަރާރު ބަލައިގަތުމަށް ޖާބިރުވެސް ވޯޓްދެއްވާފައެއްނުވެއެވެ. ޖާބިރު ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ "ކޯވިޑް19 ވައިރަސް" ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގުރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާކަމަށެވެ.
އަދި މިހާލަތުގައި ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގްރޫޓުވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާތީ، ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ފޫބައްދަން ދަތި ގެއްލުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސަރުކާރުން ކުރަންޖެހިފައިވާ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަކީ މުހިންމުކަމެއްކަމުގައި ޖާބިރު ހުށައެޅުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ.
ޚަރަދުކުޑަކުރުމަށްޓަކައި ޖާބިރުގެ ޤަރާރުގައި ހުށަހަޅާފައި ވަނީ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާފައިވާ އެންމެހައި ކައުންސިލްތަކާއި، ކައުންސިލްތަކުގެ ޒިންމާދާރު ފަރާތް އެލްޖީއޭގެ އުވާލުމަށެވެ. އަދި އެލްޖީއޭ އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފެއްޓެވުމަށްވެސް ޖާބިރުުގެ ޤަރާރުގައި ވަނީ ހުށަހަޅުއްވާފައެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ އަދަދަކަށް މަޖިލީހަށް ޤަރާރު ހުށަހެޅުއްވި މެމްބަރެވެ. ޖާބިރު ހުށަހެޅުއްވި ގިނަ ޤަރާރުތައް ބަލައިގަނެ މަޖިލީހުގައި ބަހުސް ކުރައްވާފައި ވެއެވެ.
ނިޔާފް
މަޖިލިސް އުވާލާ އޭރުން ވަރަށް ހަރަދު ކުޑަ ވާނެ