ޚަބަރު

އެލަވަންސް އަވަސްކުރުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި


ފްރަންޓްލައިން މަސައްކަތްތެރިންގެ އެލަވަންސް އަވަސްކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މަޖިލީހަށް މިއަދު ހުށަހެޅި މިމައްސަލަ ބަލައި ނުގަތުމަށް ވޯޓްދެއްވާފައިވަނީ 14 މެމްބަރުންނެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. މިމައްސަލައަށް ބަހުސް ކުރެއްވުމަށް 12 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. ބަހުސްކުރަން ނުފެންނަކަމަށް ނިންމާ މިމައްސަލަވަނީ ބޭރުކޮށްފައެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ އެލަވަންސެެއް ދޭނެ ކަމަށް ސަރުކާރުން އިޢުލާންކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކަށް މި އެލަވަންސް ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާކަމަށެވެ.

މިއެލަވަންސް ތިން ގިންތިއަކަށް ބަހާލައިގެން އެފަރާތްތަކަށް ދެއްވާނެ ކަމަށް، މެއި މަހުގެ 7ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާން ކުރައްވަމުން، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވާ ކަމަށާއި އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ، ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް މިއަދާއި ހަމައަށްވެސް މިއެލަވަންސް ލިބިފައި ނުވާތީ، ކޯވިޑް-19އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޙީ އެހީތެރިންނާއި، ފުލުހުންނާއި، ސިފައިންނާއި، އެއަރލައިންތަކުގެ މުވައްޒަފުންނާއި، އަދިވެސް އެހެނިހެން ދާއިރާތަކުންވެސް މިކަމުގައި ޙަރަކާތްތެރިވި ފަރާތްތަކުން ރައްޔިތުންނާއި ޤައުމަށްޓަކައި ފުރާނަ އަތްމައްޗަށްލައިގެން ވަރަށް ބޮޑު ޤުރުބާނީއެއް ވެފައިވާ ހިނދު، އެފަރާތްތަކަށް ލިބެންޖެހޭ އެލަވަންސް ވީހާވެސް އަވަހަށް ދިނުމަށް ގޮވާލާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ރިސްކް އެލަވެންސް ދިނުމަށްޓަކާ އެފަރާތްތަކުގެ މަޢުލޫމާތު ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް މިނިސްޓްރީތަކުން ފުރުމަށް އަންގާފައިވާކަމަށެވެ. އަދި އެ މަޢުލޫމާތު ފުރުއްވާފައިވާ ފަރާތްތަކަށް ޖުލައިމަހުގެ މުސާރައާއެކު ރިސްކް އެލަވެންސް ލިބޭނެކަމަށެވެ.