ޚަބަރު

ޖިންސީ ކުށުގެ 2 ބިލުވެސް ބަލައިގަނެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް


ޖިންސީ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދާދިނުމަށާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ޢަމަލު ނުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ދެބިލްވެސް ބަލައިގަނެ، ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލް ބަލައިނަގެފައިވަނީ 71 މެމްބަރުންގެ ވޯޓުންނެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ބިލް ބަލައިގެންފައިވަނީ 73 މެމްބަރުންގެ ވޯޓުންނެވެ. ދެމެމްބަރުންވެސް ޤާނޫނަށް ހުށަހަޅާފައިވަނީ އެއް އިސްލާހުތަކަކަށްވުމުން މިބިލް ދިރާސާ ކުރައްވާ ކޮމިޓީން ބިލް ދިރާސާކުރައްވާއިރު، އެއްބިލަކަށް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް މިމައްސަލަ ހުށަހަޅާފައިވަނީ ޖިންސީ ކުށުގެ މައްސަލަތަކަކީ އޭގެ ޝިކާރައަކަށްވާ މީހާއަށް ޖިސްމާނީ އަނިޔާ ލިބުމުގެ އިތުރުން ބައެއްފަހަރު މުޅި އުމުރަށް އޭގެ ސަބަބުން ނަފްސާނީ ނޭދެވޭ އަސަރުކުރާ ބާވަތުގެ މައްސަލަތަކަކަށް ވާތީ، މިއީ އިންސާފު ނުލިބިއްޖެނަމަ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާ އިތުރަށް ނިކަމެތިވާ، ނާޒުކު މައްސަލަތަކަކަށްވާތީކަމަށެވެ. މިފަދަ މައްސަލަތަކަކީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާއާ މެދު ޚާއްޞަ އުޞޫލުތަކަކުން އޭނާއަށް އިތުރު ބުރައެއް ނުވަތަ އަނިޔާއެއް ނުލިބޭގޮތަށް ޢަމަލުކުރަންޖެހޭ މައްސަލަތަކެއްކަމަށް ހިސާން ވިދާޅުވެފައިވެއެވެ.

ޤާނޫނަށް ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ޤާނޫނުގެ 28 ވަނަ މާއްދާ އާއި 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެސާމްޕަލްގެ ފޮރެންސިކް ތަޙުލީލު ކުރުމަކީ ލާޒިމްކަމަކަށްވާއިރު އެގޮތަށް ނެގޭ ސާމްޕަލް ވާންޖެހޭނީ "ރޭޕް އެވިޑެންސް ކިޓް" ބޭނުންކޮށް ނެގޭ ސާމްޕަލްތަކެއްގެ މައްޗަށް ކުރެވޭ ތަޙުލީލަކަށް ކަމަށް ބުނެފައިވެއެވެ.

"ރޭޕް އެވިޑެންސް ކިޓް"ގައި އެންމެ މަދުވެގެން 7 ސާމްޕަލެއް ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިސްތަށިގަނޑުންނާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަޙައްދުން ނަގާ އިސްތަށި؛ ލޭ އަދި ކުޑަކަމުދާ ތަކެތި، ކުށުގެ ޝިކަރާއަކަށް ވީ ފަރާތުގެ އަންނައުނު، ނިޔަފައްޗާއި ނިޔަފަތި ދަށުން ނަގާ ސާމްޕަލް، ކުރިމަތި ފަރާތާއި ފުރަގަސްފަރާތުން ނަގާ ސާމްޕަލް، އަނގައިން ނަގާ ސާމްޕަލް އަދި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެވެ.

މިޤާނޫނަށް ގެންނަ އިސްލާހުތަކާއެކީ ސަރުކާރުގެ ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމް ސަރުކާރުން ހަމަޖައްސަން ޖެހެއެވެ. އަދި މިފަދަ ކަންކަމުގައި ކިޓްތަކުގެ ބޭނުންކުރާނީ ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެކެވެ. ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް، އެސާމްޕަލް ނަގާ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުޞޫލު މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުލަވާލަންވާނެކަމަށްވެސް ބުނެފައިވެއެވެ.

ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައިވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީލް ޤާނޫނަށް ހުށަހެޅުއްވި ކުށްތަކަށް އަރަގަންނަ މީހުން ދޫވާ މައްސަލައިގަ ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) އުނިކުރުމަށް ވަނީ ހުށަހަޅާފައެވެ.

ޖިންސީ ކުށުގެ މައްސަލަތަކަކީ ސާބިތުކުރަން އުނދަގޫ މައްސަލަތަކެކެވެ. ޝަރީޢަތަށް ހުށަހެޅޭ ގިނަ މައްސަލަތައް ސާބިނުވާކަމަށް ނިންމާފައި ވަނީ، މައްސަލަ ސާބިތުކުރެވޭވަރަށް ހެކިނެތިގެންކަމަށް ކަނޑައަޅާއިރު ޖިންސީ ކުށުގެ މައްސަލަތަކުގައި ހޯދާ ފޮރެންސިކް ހެކި ހޯދުމުގައްޔާއި ހެކި ރައްކާތެރިކުރުމުގައި ޚާއްޞަ އުޞޫލުތަކެއް ގެންގުޅެގެން މެނުވީ މިބާވަތުގެ މައްސަލަތައް ތަޙުޤީޤުކޮށް، ސާބިތުވާވަރަށް ހެކި ނުހޯދޭނެކަން ޖިންސީ ކުށުގެ ޤާނޫނަށް އަމަލުކުރަން ފެށި ފަހުން ފާއިތުވި 6 އަހަރުދުވަހުގެ ތަޖްރިބާގެ އަލީގައި އެގިފައިވާކަމަށް ހިސާން ވިދާޅުވިއެވެ.