މާލެއިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި ރަންތަރި ދޯނީގައި ހުއްޓާ ވީ ނުވީއެއް ނޭނގި ގެއްލުނު ޢުމުރުން 27 އަހަރުގެ ޒުވާނާ ގެއްލުނުތާ 24 ގަޑިއިރަށްވުރެ ގިނައިރުވީއެވެ.
އދ މާންދޫ ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހް ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2 ޖަހާއެހާކަންހާއިރުއެވެ. ދޯނީގެ ކެޕްޓަނާއި ހަވާލީ އެމްޑީއެފުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ޝާހު ގެއްލިގެން އެކަން ސިފައިންނަށް ރިޕޯޓްކުރީ އޭނާ ދޯނީގައި ނެތްކަން އެނގުނުތާ ގާތްގަޑަކަށް ގަޑިއިރެއް ފަހުންނެވެ.
5 މެމްބަރުން ތިބޭ އައިލާގައި ޝާހުއަކީ އެ އައިލާއިން ދެވަނައަށް އެންމެ ހައްގަށް ހުންނަ ކުއްޖާއެވެ. ފަތުރުވެރިކަމުގެ ދާއިރާތަކަށް ޝައުގުވެރިކަން ހުންނަ ޝާހު ވަނީ އާމްދަނީ ހޯދުމަށް ގެސްޓް ހައުސާއި ރިސޯޓްތަކުގައި މަސައްކަތްކޮށްފައެވެ. އަމިއްލަ ރަށަށް ދާން ދަތުރު ފެށުމާއި ހަމައަށް ޝާހު ހުރީ މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ފުރަބަންދުގައި ތާށިވެފައެވެ.
މަންދޫ ކައުންސިލް ރައީސް މުހައްމަދު ނަސީމް ވިދާޅުވީ ޝާހު އޭނާގެ އާއިލާއާއިއެކު ދިރިއުޅެމުން ދިޔައީ މާފުށީގައިކަމަށެވެ. އެހެންނަމަވެސް ކޯވިޑް19 އާއި ގުޅިގެން މިހާރު އެ އާއިލާ އެއްކޮށް ރަށަށް ބަދަލުވެފައިވާކަމަށެވެ.
ޝާހުއަށް ވީ ނުވީއެއް ގެއްލިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު އާއިލާ ކައިރިއަށް ފެށި ދަތުރުގައި ރަށަށް އެނބުރި އައިސް ރަށުގެ ފަޅަށްވެސް ވަން ފަހުންނެވެ. މާލޭގައި އެތައް ދުވަސްތަކެއް ވަންދެން ތާށިވެފައި ހުރި ޝާހު ރަށަށް އައީ ރަށުގެ ހޯމް ކަރަންޓީނަށެވެ. އެހެންނަމަވެސް ރަށަށް ނުފޭބެނީސް އޭނާއަށް ވީ ނުވީއެއް ނޭގި އާއިލާ މީހުންނާއި އެކުވެރިން މި ވަނީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ.
މަންދޫ ކައުންސިލް ރައީސް މުހައްމަދު ނަސީމް ވިދާޅުވީ ޝާހުގެ އާއިލާ އާއި ރަށުގެ ހުރިހާ ރައްޔިތުން އަދިވެސް ތިބޭ ޝާހު ފެންނާނެކަމުގެ އުއްމީދުގައެވެ. އަދި ޝާހު ގެއްލުނުކަން އެނގުނު ހިސާބުން ފެށިގެން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އޭނާ ހޯދުމަށް ކަނޑުމަތީގައި އެއްވެސް ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވަމުންދާކަމަށް ނަސީމް ވިދާޅުވިއެވެ.
" އޭނާގެ އާއިލާއިންވެސް އަދި އަޅުގަނޑުމެން ރަށުގެ ރައްޔިތުންވެސް މިތިބީ އޭނާ ފެނި ބައްދަލުވާނެކަމުގެ އުންމީދުގައި. ހުއްޓުމެއްނެތި އަޅުގަނޑުމެންވެސް ކުރަމުން މިދަނީ އޭނާ ހޯދުމުގެ މަސައްކަތް" ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ޝާހު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންނެވެ. މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަ ދުވަސްވަރެއްކަމުން މި މަސައްކަތުގައި ގޮންޖެހުންތަކެއް ހުންނާނެއެވެ. އެހެންނަމަވެސް އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމްތައް އަންނަނީ ޑައިވްކުރުމުގެ އިތުރުން ކަނޑުގެ ސާރފޭސް ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެމްއެންޑީއެފްގެ މި މަސައްކަތުގައި ޝާހުގެ ރަށު ރައްޔިތުންނާއި އެކުވެރިންނާއި އަތޮޅުގެ ބައެއް ރަށްތަކުންވެސް އަންނަނީ ބައިވެރިވަމުންނެވެ. މިގޮތުން މަންދޫ ރައްޔިތުންނާއި މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުންވެސް ހުއްޓުމެއްނެތި އަންނަނީ ޝާހުގެ އެއްވެސް ހަބަރެއްވޭތޯ ބަލަމުންނެވެ.
ޝާހު އެންމެ ފަހުން ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖީންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.
މި ޒުވާނާއާއި ގުޅޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ. އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ކޯސްޓްގާޑުން އެދިވަޑައިގަންނަވައެވެ.
ާިސހަަ
ީރަަދހަ ކުރެވިޔަަ ފެނނަަނެ