ޚަބަރު

ގެވެށި އަނިޔާ ހުއްޓުވުމަށް ޤައުމީ ކެމްޕެއިނެއް ފަށައިފި


ގެވެށި އަނިޔާއާއި ދެކޮޅަށް ސަރުކާރުން ފަށާ ޤައުމީ ކެމްޕެއިން "ގެވެށި ގުޅުން" އިފްތިތާޙްކޮށްފިއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި، ގެވެށި އަނިޔާތަށް ހުއްޓުވުމަށް ފެއްޓެވި ޤައުމީ ކެމްޕެއިން "ގެވެށި ގުޅުން" އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސެސް އައިޝަތު މުޙައްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްވަނީ ގެވެށި އަނިޔާއާއިގުޅޭ ވީޑިއޯ މެސެޖެއްވެސް ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ގެވެށިއަނިޔާފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި މުވައްސަސާތަކައި ޖަމްޢިްޔާ ޖަމާއަތްތަކާއި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ލިބޭ އަނިޔާގެ ގިނަ މަސައްލަތަކަކީ ދިރިއުޅޭ ވެށިން ދިމާވާ އަނިޔާގެ މައްސަލަތަކެވެ. ގެވެށި އަނިޔާއާއި ދެކޮޅަށް ކުރިއަށްގެންދާ މި ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަރު މުޙައްމަދު ދީދީ ވިދާޅުވީ، މިފަދަ މައްސަލަތަކަކީ އަބަދުވެސް ކަންބޮޑުވުން އޮތް ކަމެއްކަމަށާއި، މި ފެށި މަސައްކަތަކީ މިކަމަށް އެކަށޭނަ ބަދަލެއް ގެނައުމަށް ސަރުކާރުން ފެށި މަސައްކަތެއްކަމަށެވެ.

މިފަދަ ކެމްޕެއިނެއްގެ އެންމެ ބޮޑު މަޤްސަދަކީ މިކަމަށް މުޖުތަމަޢު ހޭލުންތެރިކޮށް، ގޭގެ މާޙާއުލުން ލިބޭ އަނިޔާ ސިއްރު ނުކޮށް އެކަންކަން ހުއްޓުވުމުގައި މުޅި މުޖުތަމަޢު ޒިންމާދާރުކުރުވުންކަމަށް މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ލޯންޗްކުރާ ކެމްޕެއިނަކީ މިފަދަ ވާހަކަ ދައްކާނެ ޕްލެޓްފޯމެއް ހޯދައިދިނުން. އަދި މި ކަންބޮޑުވުންތައް ކިޔައިދީ ސަރުކާރާއި، އަމިއްލަ މުއައްސާތަކާއި ޖަމިއްޔަތަށް ގުޅިން މިކަންކަމަށް މަޝްވަރާކޮށް ޙައްލު ހޯދުން." އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

މިިނިސްޓަރ ވިދާޅުވީ މި ކެމްޕެއިންގައި ފަރުދުންނާއި ރަށުފެންވަރުގައާއި، ޖަމްޢިއްޔާ ޖަމާތްތަކާއި ޤައުމީ ފެންވަރުގައިވެސް މަސައްކަތް ރާވާ ހިންގާނެކަމަށެވެ. އަދި ގެވެށި އަނިޔާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެކަން އަވަހަށް ރިޕޯޓްކޮށް ހުއްޓުވުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

"ބަލަންޖެހޭ މިކަމުގައި ނުދައްކަނީ ކޮން ވާހަކަތަކެއްތޯ. ކީއްވެކަން މިފަދަ ވާހަކަ ނުކިޔައިދެނީ. މި ވާހަކަތައް ނުދެއްކީމަ ދެން ގެވެށި ގުޅުމަށް ވެގެންދަނީ ކިހިނެތްކަން. އަޒުމަކަށްވާންވީ މައްސަލަތައް ހުޓުވުން. މިކަމުގައި ފިރިހެނުންގެ ދައުރުވެސް ވަރަށް ބޮޑު." މިނިސްޓަރ ވިދާޅުވިއެވެ.

"ގެވެށި ގުޅުން" ކެމްޕެއިންއަކީ ތިންމަސްދުވަހުގެ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ހަރަތާތްތައް މާލެއާއި އަތޮޅުތަކުގައިވެސް ކުރިއަށްގެންދާނެއެވެ.

ކެމްޕެއިންގެ ކަންކަން ރޭވުމަށް ޖެންޑަރ މިނިސްޓްރީގެފަރާތުންވަނީ ކަމާއިގުޅުންހުރި ސަރުކާރުގެ މުޢައްސަސާތަކާއި، ކޯޓުތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.

ކެމްޕެއިން އިފްތިތާޙްކުރުމަށްބޭއްވި ރަސްމިއްޔާތުގައިވަނީ ދުވަހާއި ގުޅޭ ޚާއްސަ ލަވައެއްވެސް ލޯންޗްކޮށްފައެވެ.

ޢަހު

ރޭޕް ކުރުމާ ދެކޮޅައް ބަޔަކު ނުކުތީމަ އެކަން އޮއްބާލަން ގެވެށި އަނިޔާއޭ މިކިޔަނީ ކުޑަކުދިންނާއި ބަދު އަޚްލާގީ އަމަލު ހިންގިމާއި ޖިންސީ ގޯނާ ކުރުމާއި މިކަންކަމާ ދެކޮޅައް މީހުން ނުކުތީމަ ހަޖަމ ނުވަނީ