ޚަބަރު

އަދީބުގެ މައްސަލަ އިސްތިއުނާފަށް ހުށައަޅައިފި


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ފާހަގަކުރެއްވި ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ފޮނުވާފައިވާކަމަށެވެ. ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލްކުރުމަށް ނިންމެވި ހުކުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެޙުކުމުގައި ފާހަގަވި ކަންކަމަށް ބަލާ ޤާޒީ އިސްމާޢީލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ހުށައަޅަންވެސް ޕީޖީ ވަނީ ނިންމާފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވި ގަޒިއްޔާގައި އަދީބު ނުދައްކާ ވާހަކަތަކާއި، ޕީޖީ ހުށައަޅާފައިނުވާ ކަންކަންވެސް ހިމަނުއްވާފައިވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމެވުމަށް ޕީޖީވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގަ އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރު އެދަޢުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އިއްޔެ އޭނާ ވަނީ މިނިވަންވެފައެވެ. ނަމަވެސް ރޭވަނީ އަދީބަށް ނުފުރޭގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.