ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފައިވާ މިބިލަށް ޖުމްލަ 15 އިސްލާހެއް ހުށަހަޅައި އެއިސްލާހުތައް ފާސްކޮށްފައެވެ.
އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 އިންސައްތަ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. މިއިސްލާހަށް ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. މި އިސްލާހު މުޅިމަޖިލީޙުގެ ކޮމިޓީން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓުންނެވެ.
ޤާނޫނަށް ގެންނަން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި އެނަޖީ ޑްރިންކްސް އާއި ބަނގުރަލާއި އޫރު މަހުގެ ބާވަތްތަކަށް ޑިއުޓީގެ ލުއި ނުދިނުން ހިމެނެއެވެ. އަދި އެނާޖީ ޑްރިންކްސްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ދުންފަތުގެ ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީގެ ތެރެއިން 3 އިންސައްތަ ޕަބްލިކް ހެލްތު ފަންޑަށް ޖަމާކުރަންޖެހޭ ގޮތަށް ވެސް ޤާނޫނު އިސްލާހުކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު އިސްލާހު ގެނައުމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައި ވަނީ އެކި ސިނާޢަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ނަގާ ޑިއުޓީ ކުޑަކުރުން ނުވަތަ ޑިއުޓީ ކަނޑާލުމަށް އިސްކަން ދިނުމަށެވެ.
ބިލުގެ ސަބަބުން ރާއްޖޭގައި އޮޑިދޯނިފަހަރުގެ މަސައްކަތްކުރާ ފަރާތްތަކަށާއި، އާންމު އެކި މަސައްކަތް ކުރައްވާ މީހުންގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނަމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.