އެހެންމީހުން ދައްކާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދެވެން ނެތްކަމަށާއި ހަމައެކަނި ވިސްނުން ހުރީ އޭނާގެ ޓީމާ މެދު އެކަނިކަމަށް ރެއާލްމެޑްރިޑް ގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ސްޕެނިޝް ލީގުގައި މިރޭ ގްރެނާޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަދައްކަމުން ޒިދާން ބުނީ ހުރިހާ ވިސްނުމެއް ހުރީ ކާމިޔާބާ ދިމާލަށް ކަމަށާއި، އެކަން ހާސިލުކުރުމުން ހިއްވަރުގަދަކަން ދަނޑުމަތީގައި ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާކަމަށެވެ.
މި ހާލުތުގައި ކުޅުންތެރިން ނަފްސާނީ ގޮތުން ވަރުގަދަ ވާންޖެހޭކަމަށް ޒިދާން ބުންޏެވެ. ޚާއްސަކޮށް ފިޒިކަލީ ކުޅުންތެރިން ތައްޔާރުވާފަދައިން މެންޓަލީވެސް ތައްޔާރުވާންޖެހޭ ކަމަށެވެ. ކުޅުންތެރިންގެ ވިސްނުން ބަދަލުކުރުމަށް މީހުން ދައްކާވާހަކަ އަޑު ނޭހުމަށް އޭނާގެ ޓީމުގެ ކުޅުންތެރިން ކިބައިން ޒިދާން ވަނީ އެދިފައެވެ. ޒިދާން ބުނީ އޭނާ އެއްގޮތަކަށް ވެސް އެހެންމީހުން ދައްކާ ވާހަކަޔަކަށް ނުބަލާ ކަމަށާއި ވިސްނުން އަބަދުވެސް ބަހައްޓަނީ މެޑްރިޑަށްކަމަށެވެ.
މިރޭ މެޗަށް ނުކުންނަ އިރު ޕޮއިންޓެއްގެ ތަފާތުން ތާވަލު ކުރި މެޑްރިޑަށް ލިބުނު ނަމަވެސް މޮޅުވެގެން ހަތަރު ޕޮއިންޓަށް ފަރަގު ބޮޑު ކޮއްލުމުގެ ފުރުސަތު އޮންނާނެއެވެ.