ޚަބަރު

ކުޑަކުދިންގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް ގޮވާލާ ހުށަހެޅި ޤަރާރު ބަލައިގެންފި


ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓުވުމުގެ ގޮތުން ދައުލަތުން ކުޑަކުދިންނާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް ގޮވާލާ ހުށަހެޅި ޤަރާރު މަޖިލީހުން ބަލައިގެންފިއެވެ.

މިޤަރާރު ހުށަހެޅުއްވި މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަޙްމަދު ޚައިތަމްއެވެ. ޤަރާރު ބަލައި ގަތުމަށް ވޯޓް ދެއްވީ ވޯޓުގައި ބައިވެރިވަދައިޑައިގެންނެވި 68 މެމްބަރުންގެ ވޯޓުންނެވެ. މިޤަރާރު ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

ޤަރާރު ހުށަހަޅުއްވަމުން މެމްބަރު ހައިތަމް ވިދާޅުވީ ޤަރާރު ހުށަހަހެޅުއްވި އެންމެބޮޑު މަޤްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކާ ކުޑަކުދިންނާއި، އެ ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށް ބާރުއެޅުމުގެގޮތުންކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ދައުލަތުން އެފަރާތްތަކަށް ސަމާލުކަން ދިނުމަށާއި، ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރުމަށާއި، ކުޑަކުދިން ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ކުރާ ހޭދަ މިހާރަށްވުރެ އިތުރުކުރުމަށް ކަމަށްވެސް ޚައިތަމް ވިދާޅުވިއެވެ.

މިޤަރާރަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ މިކަމުގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި، އިދިކޮޅު މެމްބަރުންވެސް ވަނީ އިޖުތިމާއީ މިބޮޑު މައްސަލައަކީ މިއަދު މުޖުތަމައުގައި އޮތް ނުރައްކާތެރި ނޭދެވޭ އަމަލުތަކަކަށްވާއިރު މިކަން ހައްލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މިކަންކަން ދިމާވާ މައްސަލަތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅު އަވަސް ގޮތަކަށް އެޅުމަށް މި ޤަރާރަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ގޮވާލާފައެވެ.

ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި، ޅަފުރައިގެ ކުދިންނަށް ލިބިގެންވާ ޙައްޤެއްކަމުގައާއި، ކުޑަކުދިންނާއި، ޅަފުރައިގެ ކުދިންނަށް އެއްވެސް ގޮތަކުން ހާނިއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސްގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިޤްތިޞާދީ، އިޖްތިމާޢީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒު މަންފާތައް ޙާޞިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެންނުވާނެކަމަށެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކޭސް ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 2177 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ ތެރެއިން 1097 މައްސަލައަކީ ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަތަކެވެ. އަދި ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން 314 މައްސަލައަކީ ކުޑަކުދިންނަށްކުރާ ޖިންސީ ހާނިއްކަ ކަމަށްވެސް މިރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހައިތަމްވަނީ މިކަންކަން ހުއްޓުވުމަށްޓަކައި ގިނަކަންތައްތަކެއް އިސްލާހު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތަކާއި، ބަދަލުތައްވެސް އޭނާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ މަޤްޞަދު ހާސިލްކުރުމަށްޓަކައި، ކުޑަކުދިންގެ ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަޞީލަތްތައް އިތުރުކޮށް، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާގެ ފަންނީ މާހިރުން އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އަނިޔާ ލިބިފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ފޮސްޓަރ ކެއަރގެ ދާއިރާއަށް ދައުލަތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ، އަނިޔާ ލިބިފައިވާ ކުޑަކުދިން ވީހާވެސް އަވަހަކަށް ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ މަތިން ކުރުމަށާއި، ރާއްޖޭގެ މުސްތަޤްބަލްކަމުގައިވާ ކުޑަކުދިންގެ ރައްކާތެރިކަމާގުޅޭ ކަންކަން އިޞްލާޙުކޮށް ހަރުދަނާކުރުމަށް އިންވެސްޓްކުރާވަރާއި، ޚަރަދުކުރާ މިންވަރު އިތުރުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މިއާއެކު ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެ ކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށާއި، އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގައި، ދައުލަތުގެ އެކިއެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

އަދި ޖިންސީ ޝިކާރައާއި، ޖިންސީ ގޯނާ ހުއްޓުވުމަށްޓަކައި ފޮސްޓަރ ކެއާރ ސިސްޓަމް ޤާއިމް ކުރަން ސޯޝަލް ވޯކާސް ތަމްރީނު ކުރުމާއި، އިދާރީ އޮނިގަނޑުތަކެއްގެ މަތިން ފޮސްޓަރ ކެއާރ ސިސްޓަމް ހިންގުމަށް ވަކި ސެކްޓަރެއް ޤާއިމްކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދައުލަތުގެ ފޮސްޓަރ ކެއަރ ހޯމެއް ޤާއިމްކޮށް، ކޮންސަލްޓެންޓުން އަދި ތެރަޕިސްޓުން ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.