ޚަބަރު

ފުރަތަމަ 6 މަހު ބަންޑާރަ ނާއިބުގެ އޮފީހުން 126 މައްސަލައެއްގައި ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރި


މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ބަންޑާރަނާއިބުގެ އޮފީހުން 126 މައްސަލައެއްގައި ކޯޓުތަކުގައި ވަކާލާތުކޮށްފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން އާންމުކުރި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ އޮފީހުން ވަކާލާތުކުރި 126 މައްސަލައިގެ ތެރެގައި ބަންޑަރަ ނާއިބުގެ އޮފީހުން ދަޢުވާކުރި 60 މައްސަލައާއި ދައުލަތައް ރައްދުވާ 66 މައްސަލަ ހިމެނެއެވެ.

މަދަނީ މައްސަލަތަކުގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދައުލަތުގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ އިޚްތިސާސްއޮންނަ ބަންޑާރަ ނާއިބުގެ އޮފީހުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ދަޢުވާކުރި 60 މައްސަލައިގެ ތެރެއިން އެންމެ ގިނައިން ދައުވާ ހުށައަޅާފައިވަނީ ސިވިލްކޯޓުގައެވެ. އެކޯޓަށް 32 މައްސަލައެއްގައި ދައުވާ ހުށައަޅާފައިވާއިރު، ފެމިލީ ކޯޓުގައި 14 މައްސަލަ، ހައިކޯޓުގައި 3 މައްސަލަ އަދި ސްޕްރީމް ކޯޓަށް އެއް މައްސަލައިގެ ދައުވާ ހުށަހަޅާފައިވެއެވެ.

މިމުއްދަތުގެ ތެރޭގައި ދައުލަތައް ރައްދުވާ 66 މައްސަލައިގެ ތެރެއިން 46 މައްސަލައަކީ ސިވިލްކޯޓުގައި ކުރިއަށްދިޔަ މައްސަލަތަކެވެ. މީގެ އިތުރުން ހައިކޯޓުގައި 11 މައްސަލަ، މެޖިސްޓްރޭޓް ކޯޓުތަކުގައި 7 މައްސަލަ އަދި 2 މައްސަލައެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ކުރިއަށްދިޔައެވެ.

މިއާއެކު ނިމިދިޔަ ހަ މަސް ދުވަހު އޭޖީ އޮފީހުން 465 އަޑުއެހުމަކަށް ހާޒިރުވެފައިވެއެވެ. ފާއިތުވެދިޔަ މަސްތަކަކީ ހުރިހާ ގޮތަކުންވެސް ދަތި އުނދަގޫ ދުވަސްވަރެއްކަމަށާއި މަސައްކަތްކުރުން އައު ގޮތްތަކަކަށް ބައްޓަންކުރަންޖެހުނުއިރު، ޤާނޫނީ ލަފާ ދިނުމާއި މައްސަލަތަކާ ގުޅިގެން މުވައްޒަފުން ރެޔާއި ދުވާލު ބުރަ އިޚްލާޞްތެރި މަސައްކަތްތަކެއްކުރިކަން ފާހަގަކޮށް ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތުވަނީ އެކަމަށް ތައުރީފުކުރައްވާފައެވެ.