އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވިފަހުން ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީ އަތުން ލިވަޕޫލް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ މައްޗަށް ސިޓީ ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މި މެޗު ފެށުމުގެ ކުރިން މެންޗެސްޓާ ސިޓީން ވަނީ ލިވަޕޫލަށް އޮނަރގާޑެއްވެސް އަރުވާފައެވެ. އެއީ މި ސީޒަންގެ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވިފަހުން ކުޅޭ ފުރަތަމަ މެޗައް ވާތީއެވެ.
މި މެޗުގައި ސިޓީން ޖެހި ފުރަތަމަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޑެބް ރޫނޭއެވެ. އަދި އޭގެ ދިހަ މިނެޓު ފަހުން ރަހީމް ސްޓާލިން ވަނީ އިތުރު ލަނޑެއް ސިޓީއަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފް އެންމެ ފަހު މިނެޓުގެ ތެރޭގައި ފޮޑެން ވަނީ ސިޓީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.
ދެވަނަ ހާފް ފަށައިގެން ސިޓީއިން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. މެޗުގައި ސިޓީން ޖެހި ހަތަރު ވަނަ ލަނޑަކީ ސްޓާލިން ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ޗަމްބޭލައިން ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ނަތީޖާއާއެކު ޕްރިމިއަރ ލީގުގެ ދެވަނައިގައި ސިޓީ އޮތީ 32 މެޗު ކުޅެގެން ލިބުނު 66 ޕޮއިންޓާއެކުއެވެ. ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލިވަޕޫލް އެއްވަނައިގައި އޮތީ 32 މެޗުން ލިބުނު 86 ޕޮއިންޓާއެކުއެވެ.