ލައިފް ސްޓައިލް

ކޭކު އަޅަން ފެށީ އަޖުމަބަލަން، މިހާރު ބޭނުން ވަނީ ފިހާރައެއް ހުޅުވަން!


ޕޭސްޓްރީ އާއި ބޭކަރީ މަސައްކަތްތަކަކީ މިހާރު ރާއްޖޭގައި ވަރަށް ޑިމާންޑް ބޮޑު ވިޔަފާރިއެކެވެ. އޭގެ ތެރެއިންވެސް ކޭކު އެޅުމަކީ މިހާރު ޒުވާނުންގެ މެދުގައި މަޤްބޫލު މަސައްކަތެކެވެ. އަދި އެކަމުގައި ހަރަކާތްތެރިވާ ހުނަރުވެރިން ޒުވާނުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ރިޕޯޓް މި ޙާއްސަކޮށްލަނީ އެފަދަ ޒުވާނެއްގެ ވާހަކަ ގެނެސްދިނުމަށެވެ.

މަރިޔަމް އިނާ މާޖިދު، އިނޫއަކީ ކާށިދޫއަށް އުފަންކުއްޖެކެވެ. ތަފާތު ޅެން ފޮތްތައް ކިޔުމާއި ފިލްމް ބެލުމަކީ އޭނާ އަބަދުވެސް ކުރާ ހިތްވާކަމެކެވެ. އިނޫ ބުނިގޮތުގައި ސްކޫލް ނިންމާފައި ކުރިއަށްދާނެ ވަކި ދާއިރާއެއް ސީދާ ކަނޑަނޭޅިނަމަވެސް ޕްރޮގްރާމް ޕްރެޒެންޓް ކުރުމަކީ އޭނާ އަބަދުވެސް ކުރާ ހިތްވި ކަމެކެވެ. އަދި ކޮންމެވެސް ވަރަކަށް އެ މަސައްކަތް އޭނާ ވަނީ ކޮށްފައެވެ.

"ފުރަތަމަ ކޭކް އަޅައިދޭން ފެށީ ގާތް ރައްޓެހިންނަށް، މިހާރު ހިތްޖެހިއްޖެ"


އެކި ކަހަލަ ޑިޒައިން ކޭކްތައް އެޅުމަކީ އިނޫ ސްކޫލް ދުވަސްވަރު އެއްވެސް ވަރަކަށް ކޮށްއުޅުނު ކަމެއްނޫނެވެ. އަދި ކުރަން ހިތަށްވެސް އެރިކަމެއް ނޫނެވެ. ނަމަވެސް އެކަމަށް ޝައުޤުވެރިކަން އުފެދުނީ ސްކޫލް ނިންމާ، ކޮލެޖުގައި ކިޔަވަން އުޅުނުއިރު ގާތް ރައްޓެހިންގެ ތެރޭގައި އުފަސްދުވަސް ފާހަގަކުރަން އުޅުމުގެ ތެރެއިންނެވެ. ހޮބީއެއްގެ ގޮތުގައި އަޖުމަ ބަލާލަން ފެށި މި މަސައްކަތަށް މިހާރު އޭނާގެ ހިތްވަނީ ޖެހިފައެވެ. އިނޫ ބުނާގޮތުންނަމަ ހޮބީއަކަށް ފެށި މި މަސައްކަތް މިހާރު މިވަނީ "ޕެޝަން"އަކަށް ބަދަލުވެފައެވެ.

"ކޮލެޖްގައި އުޅުނުއިރު އޭރު ސްކޮޑްތެރޭ އަބަދުވެސް އެންމެންގެ އުފަންދުވަސް ފާހަގަކުރާނެ. އެހެން އުޅުންއިރު ހިތަށް އެރީ ކޭކް އަޅަންވީއޭ. އޭރުން އެކަން ކުރަންވެސް ފަސޭހަވީއޭ. ފުރަތަމަ ކޭކް އަޅައިދޭން ފެށީވެސް ގާތް ރައްޓެހިންނަށް" އިނޫ ބުންޏެވެ.

އިނޫ ބުނިގޮތުގައި އޭނާ ފުރަތަމަ ކޭކް އަޅަންފެށީ އެކަމާގުޅޭ މާގިނަ މަޢުލޫމާތުތަކެއް ނުވަތަ އެކަން ކުރަންވީގޮތް މާބޮޑަކަށް ދަސްކޮށްގެނެއްނޫނެވެ. އެހެންކަމުން ކޭކް ރަނގަޅަށް ނުފުފުމާއި، އައިސިންގަނޑު ރަނގަޅަށް ތައްޔާރުނުކުރެވުންފަދަ އުނދަގޫތަކާ އިނޫއަށްވެސް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އޭނާ ހިއްވަރު އެލުވައެއް ނުލައެވެ. އެއްފަހަރު އަޅާ ކޭކަށްވުރެ އަނެއްފަހަރު އަޅާ ކޭކް ރަނގަޅުކުރެވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

ކުރިމަތިވި އުނދަގޫތަކާއެކުވެސް މަސައްކަތަށް އޮތް ޝައުޤެއްގެ ބޮޑުކަމުން އިނޫ ބޭނުންވީ ކޭކު އެޅުމާއިގުޅޭ ކަންކަން އިތުރަށް ދަސްކުރާށެވެ. އެގޮތުން ކޭކު އެޅުމާގުޅޭ ބޭސިކް ކަންކަން ދަސްކުރަން "ޝިމީ ކޭކްސް" އިން ކުރިއަށްގެންދިޔަ ކޯހެއްގައި އޭނާ ބައިވެރިވިއެވެ. މިމަސައްކަތުގައި ކުރިއަށްދާން އޭނާއަށް އިތުރު ހިތްވަރެއް ލިބުނީ އެހާ ހިސާބުންނެވެ. އެއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

"ކޭކް އަޅާނެގޮތުގެ ބޭސިކް އެމީހުން ކިޔައިދިން. ބަޓަރ ކޭކާއި ޗޮކްލެޓް ކޭކު އަޅާނެގޮތް. ދެން ފޮންޑަންޓް އައިސިންގ ހަދާނެގޮތާއި، ފްރޮސްޓިންގ ހަދާނެގޮތާއި ޑެކެރޭޓް ކުރާނެގޮތް ކިޔައިދިން. ވަރަށް ސަޅި އެ ކޯސް. ކޯސް ނިންމާފައި ދެން ހަމަ އަމިއްލައަށް އެއްޗެހި ގަނެގެން ކޭކް އަޅަން ފެށީ" އިނޫ ބުންޏެވެ.

ރައްޓެހިންގެ އުފަންދުވަސް ފާހަގަކޮށްދިނުމަށް ކޭކް އަޅަންފެށި ފެށުން، މީހުންދޭ އޯޑަރަށް ވިޔަފާރި ޢުސޫލުން ކުރާކަމަށް ބަދަލުވެގެންދިޔައީ އެ ކޯސް ފުރިހަމަ ކުރި ފަހުންކަމަށް އިނޫ ބުނެއެވެ.

އާއިލާގެ ތަރުހީބު - ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރު!


އިނޫ ކިޔައިދިންގޮތުގައި އޭނާއަށް މިކަމުގައި ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ އާއިލާގެ ފަރާތުން ލިބޭ ތަރުހީބުކަމަށެވެ. ވަކިން ހާއްސަކޮށް ބައްޕައާއި، ފިރިމީހާ އަދި ފިރިމީހާގެ ދޮންތަ އޭނާ ފާހަގަކުރިއެވެ.

އިނޫގެ އާއިލާގައި ކޭކު އަޅުމުގެ މަސައްކަތްކުރާ މީހެއް ނެތްނަމަވެސް، ބައްޕައަކީ ކެއްކުމަށް މޮޅު މީހެއްކަމުން ބައްޕަގެ ފަރާތުން އެކިކަހަލަ ޓިޕްސް ލިބޭކަމަށް އިނޫ ބުންޏެވެ. އަދި ފިރިމީހާގެ ދޮންތައަކީވެސް ކޭކްއަޅާ މީހަކަށްވާތީ ދޮންތަ ފަރާތުންވެސް އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށް އިނޫ ބުންޏެވެ.

"ބައްޕައަކީ ކެއްކުމަށް ވަރަށް މޮޅުމީހެެއް. ފުރަތަމަ ކޭކް އަޅަންއުޅުނުއިރު ވަރަށް އުނދަގޫވި އޭތި އޮމާންކުރާން. ދެން ބައްޕަ ކިޔައިދޭނެ މިހެން މިހެން ހަނދާށޭ. އެކިކަހަަލަ އުކުޅުތައް ކިޔައިދޭނެ. އެހީވެސްވާނެ. އަނެއްކާ ހަޒްބަންޑްގެ ދޮންތައަކީވެސް ބޭކަރއެއް. އެހެންވީމަ ހަމަ ގުޅާލާއިރަށް އެކި ކަހަލަ ހިޔާލުތައްދޭނެ ޑިޒައިންކުރާނެގޮތުގެ. ވަރަށް ހެލްޕްފުލް. އަސްލު އެ އެންމެންގެ ސަޕޯޓާނުލާ މިހާ ހިސާބަކަށް ނާދެވުނިސް" އިނޫ ބުންޏެވެ.

ކޯސް ނިންމުމަށްފަހު އިނޫ އަންނަނީ ތަފާތު އެކި ހަފްލާތަކާއި ދިމާކޮށް ލިބޭ އޯޑަރތަކަށް އެކި ސައިޒުގެ ކޭކު އަޅައިދެމުންނެވެ. އެގޮތުން އޭނާ އެންމެ އާއްމުކޮށް އަޅަނީ 1 ޕައުންޑާއި، 2 ޕައުންޑުގެ ކޭކުތަކެވެ. އަދި 4 ޕައުންޑާއި، އެއަށްވުރެ ބޮޑެތި ސައިޒުގެ އޯޑަރވެސް ނަގާކަމަށް އިނޫ ބުންޏެވެ. އަދި އޭނާ ކޭކު އަޅަނީ އޮފީސް ނިންމާފައި ގެއަށްއައިސް ލިބޭ ހުސް ވަގުތުތަކުގައެވެ.

ތިރީގައި އެވަނީ އިނޫ މިހާތަނަށް އެޅި ކޭކުތަކުގެ ތެރެއިން އެންމެ ބުރަ މަސައްކަތެއް ކުރަންޖެހުނު އަދި އެންމެ ގިނަ ވަގުތު ހޭދަވި ކޭކުގެ ފޮޓޯއެކެކެވެ.

ފޮޓޯއިން އެ ފެންނަނީ އަތްދަބަސް ގެންގުޅުމަށް ލޯބިކުރާ ޒުވާން އަންހެން ކުދިންގެ މެދުގައި މަޤްބޫލް ބްރޭންޑެއްކަމަށްވާ "ޗެނަލް" ބްރޭންޑްގެ ކަޅު ދަބަހެއްގެ ޑިޒައިން އަސްލަކަށް ބަލައިގެން ހަދާފައިވާ ކޭކެވެ. ކޭކްގެ ފޮންޑެންޓްއިން އެ ފެންނަ ހުރިހާ ޑީޓެއިލްސްއަކާއި، ކޮކާތައް އިނޫ ކަފާފައި ވަނީ އާދައިގެ ވަޅިއެއް ބޭނުންކޮށްގެންނެވެ. ފަށުގައި ބޭނުންކޮށްފައިވާ ކޮންމެ ބޮޅެއްވެސް އެއީ ވަކި ވަކިން ހަދާފައެވެ.

"ރޭގަނޑު 11 ޖަހަނިކޮށް މަސައްކަތް ފަށައިގެންގޮސް ފަތިސްވަންދެން މަސައްކަތްކޮށްގެން ނިންމާލެވުނީ. ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް އެއީ. އަނެއްކާ އޯޑަރކުރި ފަރާތުންދިން ފީޑްބެކްވެސް ވަރަށް ހިތްހަމަޖެހޭ" ކޭކާއި ގުޅޭގޮތުން ވާހަކަދައްކަމުން އިނޫ ބުންޏެވެ.

އިނޫ ބުނިގޮތުގައި އޭނަ އެންމެ އަޅާ ހިތްވަނީ ޗޮކްލެޓް ކޭކެވެ. އަދި އެންމެ ފަސޭހައީ 3 އިންޗީގެ ކުދި ކޭކު އަޅާށެވެ. އަދި އަގުތައް އޭނާ ކަނޑައަޅަނީ ކޭކުގެ ސައިޒާއި ޑިޒައިނަށް ބެލުމަށްފަހުއެވެ.

އެންމެ ދެކެން ބޭނުމީ އަމިއްލަ ކޭކް ޝޮޕެއް ހުޅުވޭ ދުވަސް!


އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބުނު ހިތްވަރާއެކު އިނޫ އަންނަނީ އޭނާގެ ކޭކްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ. އެގޮތުން "ދަ ވެނީލާ ބީން"ގެ ނަމުގައި ހާއްސަ ފޭސްބުކް ޕޭޖަކާއި، ޓުވިޓަރއާއި އިންސްޓަގްރާމް އެކައުންޓެއް ހަދައިގެން، ކޭކްތަކުގެ ފޮޓޯއާއި ވީޑިއޯ ހިއްސާކުރަމުންދެއެވެ.

މިއީ ކިހިނެއް ކިޔުނު ނަމެއްތޯ އެހުމުން އިނޫ ބުނީ "ފުރަތަމަ ޖެހީ އެހެންނަމެއް. ދެން އެނަމާގުޅޭ އިތުރު ޕޭޖެއް އުޅޭތީ ނަން ބަދަލުކުރީ. މިއީ އަސްލު އޮފީސް ކުދިން ޚިޔާލަކަށް ދިން ނަމެއް. ދޭނެ ނަމަކާމެދު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެއީ. ދެން ހަޒްބަންޑަށާއި، ފެމެލީ މީހުންނާއި ރަށްޓެހިންނަށްވެސް ކަމުދިޔައީމަ މި ނަން ދިނީ" ކަމަށެވެ.

އިނޫ ބުނިގޮތުގައި ކޭކު އެޅުމަކީ ވިޔަފާރިއަކަށް ކުރާކަމަށްވުރެ، އޭގެން އޭނަށް ލިބޭ ހިތްހަމަޖެހުން މާބޮޑެވެ. އަދި އެއީ އޭނާއަށް ލިބިގެންދާ ތެރެޕީއެއްގެ ގޮތުގައި އިނޫ ސިފަކުރެއެވެ. އޭނާ އަންނަނީ މި ޕޭޖު މެދުވެރިކޮށް 2 ގޮތަށްވެސް ލިބޭ އޯޑަރތައް ނަގާ ކޭކް ހަދަމުންނެވެ.

"ގިނަ މީހުން އޯޑަރކުރާނީ ސާމްޕަލްއަކާ އެކީ. ދެން އެއަށް ބަލައިގެން ހަދަނީ. އެކަމު އިނޫ ރަނގަޅަށް ދަންނަ ރައްޓެހިން ދޫކޮށްލާނީ އިނޫ ބޭނުންގޮތަކަށް ކޭކް ޑިޒައިން ކުރަން. ކުލައަކާއި ކޭކުގެ ތީމު ފަހަރުގައި ބުނެލަފާނެ. ދެން އިނޫ އަމިއްލައަށް ހަމަ އެ ދިން ތީމަކާއި ގުޅޭނެހެން ޑިޒައިންތައް ހޯދައިގެން ހަދަނީ ކޭކް. ވަރަށް ހިތްހަމަޖެހޭ ލިބޭ ފީޑްބެކްތަކުން" އިނޫ ބުންޏެވެ.

ކޮންމެއަކަސް އިނޫގެ މަސައްކަތް މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަބަޔަކު ބަލައިގަނެ، ރަނގަޅުކުރަން ފެންނަ ކަންކަމުގެ ހިޔާލުދޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި އެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، އަމިއްލަ ކޭކް ޝޮޕޭއް ހުޅުވުމަކީ މިހާރު އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ.