ޤައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް ފަށާއިރު ހުރިހާ ކުޅުންތެރިން ކޯވިޑް-19 އަށް ޓެސްޓު ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމް އިން ބުނެފިއެވެ.
ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން އެފްއޭމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު ވިދާޅުވީ ޕްރެކްޓިސް ފެށުމުގެ ކުރިން އެޗްޕީއޭގެ ގައިޑްލާއިނާއި އެއްގޮތަށް ކަންކަން ހަމަޖައްސަމުންދާކަމަށެވެ. އެގޮތުން އެފްއޭމްއިން އެންމެ ބޮޑު އިސްކަމެއް ދޭނީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށް ޖަވާޒް ވިދާޅުވިއެވެ.
ޖަވާޒް ވިދާޅުވީ ހުރިހާ ކުޅުންތެރިންގެ މެޑިކަލް ހެދުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށެވެ. އަދި ކޯވިޑް-19 ގެ އަލާމާތެއް ހުރިތޯ ބެލުމަށް ހަދާ ޓެސްޓުވެސް ހެދުމަށް މިހާރު އެޗްޕީއޭގައި އެދިފަވާނެކަމަށް ޖަވާޒް ވިދާޅުވިއެވެ.
މިހުރިހާ ކަމެއް ކުރިޔަށްގެންދަނީ އެފްއޭއެމްގެ މެޑިކަލް ޑިޕާޓުމެންޓުންކަމަށާއި މިހާރު ރޭވިފައިވާ ގޮތުން ޕްރެކްޓިސް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ. ކޮންމެ ޕްރެކްޓިސް ސެޝަނެއް ފެށުމުގެ ކުރިން އަދި ނިންމާފައި ހުންބެލުމާއި ކަންކަން ކުރިޔަށްދާނެކަމަށް ޖަވާޒް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމަކީ ކުޅުންތެރިންގެ ރައްކާތެރިކަން. ކުޅުންތެރިން ވަރަށް ރަނގަޅަށް މޮނީޓަރ ކުރަމުންދާނަން. އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތައް އަޅުގަނޑުމެން ތައްޔާރުވަމުން ދާނީ. އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުން ހުރިހާކަމެއް ދާނީ." ޖަވާޒް ވިދާޅުވިއެވެ.
އެފްއޭއެމް މިހާރު ވަނީ އަތޮޅުތެރޭގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މާލެ އައުމަށް އަންގާފައެވެ.
އެފްއޭއެމުން ބުނެފައިވަނީ ފުރަތަމަ ފަރިތަކުރުންތައް ކުރިޔަށްދާނީ ކުދި ގުރޫޕްތަކަށް ބަހާލައިގެން ކުޅުންތެރިން ވަކިވަކިން ކަމަށެވެ. ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނީ އަލުން ޕްރެކްޓިސް ފަށާއިރު ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންގެ ފިޓަނަސް މައްސަލަތައްކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ކުޅުންތެރިން ތިބެން ޖެހުމަކީ ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުން ގޮތުގައި ކޯޗު ވަނީ ފާހަގަކޮށްފައެވެ.
ގައުމީ ޓީމު ޕްރެކްޓިސް އަލުން ފަށާއިރު ކުރިއަށް އޮތީ ވޯލްޑް ކޮލިފައިންނާއި އޭޝިއަން ކަޕް ޖޮންއިންޓް ކޮލިފިކޭޝަންގެ މެޗްތަކެވެ. މި މުބާރާތްތަކުގައި އަންނަ އޮކްޓޫބަރ މަހު ރާއްޖެ ނުކުންނީ ޗައިނާ، ސީރިއާ ދެކޮޅަށެވެ. އަދި ނޮވެމްބަރ މަހު ރާއްޖެ ނުކުންނާނީ ފިލިޕީންސް އާއި ދެކޮޅަށެވެ.