އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމުގެ ވިސްނުމެއް
އަދި ނެތް ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު
ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް އިންތިޚާބުގައި ވާދަކުރާނެ ކަމަށް
ބެލެވުނު މުހައްމަދު ޝަވީދު ވިދާޅުވީ މިހާރު އުފުއްލަވަން ޖެހޭ ޒިންމާތަކުގެ ސަބަބުން
އެކަމަށް ވަގުތު ދެވެން އަދި ނެތްކަމަށެވެ.
" އަޅުގަނޑު މިއަންނަނީ ވަރަށް ގިނަ
މަސައްކަތްތަކެއް އެއްފަހަރާ ކުރަމުން. އޭގެ ތެރޭގައި މޯލްޑިވްސް އޮލިމްޕިކް
ކޮމިޓީއާ ، އައިއޯސީ އަދި ފީފާގެ ބައެއް ކޮމިޓީތަކުގައިވެސް އެބަ ޖެހޭ މަސައްކަތް
ކުރަން. ނަމަވެސް ބައެއް ކްލަބްތަކުން އެބައެދޭ އަޅުގަނޑު އިންތިހާބުގައި
ވާދަކުރަން. މިއަދާ ހިސާބަށްވެސް އަޅުގަނޑުގެ ނެތް ކުރިއަށް އޮތް އިންތިހާބުގައި
ވާދަކުރުމުގެ ވިސްނުމެއް" ޝަވީދު ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގެ
ފުޓްބޯޅައިގެ މައި އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ޝަވީދު ވިދާޅުވީ މިއަހަރު
އާ އިންތިހާބު ބާއްވާ، ކޮންމެ ބޭފުޅަކު އިންތިހާބުވީ ކަމުގައިވީ ނަމަވެސް ވަރަށް
ފުރިހަމައަށް އެފަރާތަކަށް ލީޑަރޝިޕް ހަވާލުކުރައްވާނެ ކަމަށެވެ. އަދި ނޯމަލައިޒޭޝަން
ކޮމިޓީގެ ފުރިހަމަ އެއްބާރުލުން އެފަރާތަކަށް ދެއްވާނެ ކަމަށްވެސް ޝަވީދު ވިދާޅުވިއެވެ.
ފީފާއިން ރާއްޖޭގެ
ފުޓްބޯޅައިގެ މައި އިދާރާ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައިވަނީ
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ. ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީއިން
ވަނީ މިއަހަރު ނިމުމުގެ ކުރިން އައު އިންތިހާބެއް ބޭއްވުމަށް ނިންމާފައެވެ.