ފުޓުބޯޅަ

ކޯޗް ވަކިކުރީ ނަތީޖާ ނުނެރެވުމުން - އެފްއޭއެމް




 ޤައުމީ ކޯޗް ވަކިކުރަން ޖެހުނީ ދަށް ނަތީޖާތަކެއްގެ އިތުރުން
ކުޅުންތެރިންނާ އޮންނަން ޖެހޭ ގުޅުމަށްވުރެ ގާތް ގުޅުމެއް ބާއްވަމުން ދިއުމުގެ
ސަބަބުން ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝަވީދު ވިދާޅުވީ ކޯޗްގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކަންތައްތަކެއް ކަމަށާއި، ނަތީޖާ ހާސިލް ނުވާނަމަ ކޯޗް ހުރުމުގެ ބޭނުމެއް ނެތްކަމަށެވެ. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމަށް ކާމިޔާބު ލިބޭނީ ދުރާލާ ތައްޔާރުވެގެން ކަމަށާއި ޕޮޕޯވްގެ އިރުޝާދުގެ ދަށުން ކުޅުނު ހަމެޗްގައިވެސް ކުރިއެރުމެއް ފެނިފައިނުވާ ކަމަށް ޝަވީދު ވިދާޅުވިއެވެ.



 "ޓީމް ހަވާލުކޮށްފަ އަޅުގަނޑުން ދިނިން ފުރިހަމަ އިޚްތިޔާރު ކޯޗަށް. ނަަމަވެސް ކޯޗްގެ ވިސްނުން ހުރީ މީޑިއާގައި ބުނެދާނެ އެއްޗަކަަށް ނުވަތަ ބަޔަކު
ކިޔާފާނެ އެއްޗަށް. ކޯޗް ބޭނުން ވަނީ ކުޅުންތެރިން ހައްދައިގެން ކުޅުވަން. މާދަމާ މެޗް ކުޅެން ނިދަން ވަކި ގަޑިޔެއް ކަނޑައަޅާފަ ކޮޓަރިއަށް ވެއްދީމަ ކޯޗް ހުރެދާނެ ދަންވަރު ވައިބަރ ގްރޫޕް ހަދައިގެން ކުޅުންތެރިންނާ ވާހަކަ ދައްކަން. އެގޮތައް ރާއްޖޭގެ ފުޓްބޯޅައެއް ނުހިންގޭނެ" ޝަވީދު
ވިދާޅުވިއެވެ.



ވެލިޒާ ޕޮޕޯވް ޤައުމީ ޓީމާ ހަވާލުވި ފަހުން ކުޅުން ކުޅުނު ހަމެޗްގެ ތެރެއިން
މޮޅުވީ މިމަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްއާ ދެކޮޅަށް ކުޅުނު
މެޗުން އެކަންޏެވެ. އަނެއް ފަސް މެޗުން ވީ ބައްޔެވެ.



އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ޝަވީދު ވިދާޅުވީ ރާއްޖެ ޤަތަރާ
ދެކޮޅަށް ކުޅުނު މެޗްގެ ކުރިން އެކުވެރިކަމުގެ ތިން މެޗް ކުޅެން ކޯޗަށް ފުރުސަތު
ދިން ކަމަށެވެ. އަދި ކޮރެއާއަށް ޤައުމީ ޓީމް ކުރި ދަތުރުގައި އެޤައުމުގެ ފުރަތަމަ
ޑިވިޝަންގެ ކްލަބަކާ ދެކޮޅަށް މެޗެއް ކުޅެންވެސް ފުރުސަތުދީފައިވާ ކަމަށެވެ.
ނަމަވެސް ކޯޗް އެފުރުސަތުތަކުގެ ބޭނުން ހިފަން ބޭނުން ނުވި ކަމަށް ޝަވީދު
ވިދާޅުވިއެވެ.



" ކޮންމެ ކޯޗެއް އަޔަސް ބުނޭ ބޭނުންވާ ވަރަށް ތައްޔާރެއް ނުވެވެޔޭ.
ރަނގަޅު މެޗްތަކެއް ކުޅޭކަށް ނުލިބެޔޭ. ޤަތަރު މެޗްގެ ކުރިން އޮމާން، ސިންގަޕޯ
އަދި އަފްޤާނިސްތާނާއެކު މެޗް ކުޅެން އަޅުގަނޑުމެން ފުރުސަތު ދިނިން. ނަމަވެސް
ކޯޗް އެފުރުސަތުތަކުގެ ބޭނުމެއް ނުހިފި" ޝަވީދު ވިދާޅުވި އެވެ.



ވެލިޒާ ޕޮޕޯވް ވަނީ ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްއަށްފަހު ސީނިއާ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމަށް
ފާޑިކިޔާފައެވެ. ކޯޗް ބުނީ ޤައުމީ ޓީމަށް އަރާ ފެންވަރުނެތް
ކުޅުންތެރިން ޓީމްގައި ތިބިކަމަށެވެ.