ވިޔަފާރި

ގޮންޖެހުންތަކުން އަރައިގަނެވުނީ ދުރާލާ ތައްޔާރުވުގެ ސަބަބުން- އެސްޓީއޯ


ކޯވިޑް19 ގެ ހާލަތުގައި އެސްޓީއޯއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި އެހެންނަމަވެސް ގޮންޖެހުންތަކުން އަރައިގަނެވުނީ ދުރާލާ ތައްޔާރުވެފައި ތިބުމުންކަމަށް އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

ކޯވިޑް19ގެ ޙާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނަށް އަމާޒުކޮށްގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުހައްމަދު މިހާދު ވަނީ ކޯވިޑް19 ހާލަތުގައި އެސްޓީއޯއަށް ދިމާވި ގޮންޖެހުންތަކާއި އަދި އެކަންކަން ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ކޯވިޑް19 ގެ ހާލަތުގައި އެސްޓީއޯގެ އެންމެ މުހިންމު ދައުރަކީ ރާއްޖެއަށް ބޭނުންވާ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އާންމު ހާލަތުގައިވެސް އެސްޓީއޯގެ މައިގަނޑު މަސައްކަތަކީ މިއީއެވެ. ނަމަވެސް ކޯވިޑް19ގެ ސަބަބުން މިކަން ކުރުމަށް އެސްޓީއޯއަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. ސަބަބަކީ ގިނަ ޤައުމުތަކެއް ލޮކްޑައުންކޮށް މުދާ ގެނެވޭނެ މަގު ބަންދުވެފައިވުމެވެ.

"އަޅުގަނޑުމެން ހަވާލުވެ މިތިބީ މިހާލަތުގައި ރާއްޖެއަށް ބޭނުންވާ މުދާ ގެންގަން. ގެންނަން މިޖެހެނީ ރާއްޖެ ނޫން ޤައުމުތަކުން. މުދާ ގެންނަން ބަލާއިރު އަޅުގަނޑުމެން އެތައް ޒަމާނަކުން އެސްޓަބްލިޝްކޮށްފައި މިއޮތް ސަޕްލައި ޗެއިން ހަމަ އޯވަރނައިޓުން މިދިޔައީ. ވާގޮތަކީ އެހެން ޤައުމުތައް ލޮކްޑައުންކުރުން. އެޤައުމުތަކުގެ އިންޓަރނަލް މޫމަންޓްސް ރެސްޓްރިކްޓްކުރުން." މުޙައްމަދު މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ، ލޮކްޑައުންގެ ސަބަބުން އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކަށްވެސް ޑިމާންޑް ވަރަށް ބޮޑުވެގެންދިޔަކަމަށެވެ. 10 ދުވަހުގެ ތެރޭގައި 2 މަސްދުވަހުގެ ކާޑު އެސްޓީއޯގެ ގުދަނުން ބޭރުވެގެންދިޔަކަމަށެވެ. އެހެންކަމުން މިއީވެސް އެސްޓީއޯއިން ވަރަށް ބޮޑަށް ވިސްނަން ޖެހުނުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"10 ދުވަހުގެ ތެރޭގައި 2 މަސްދުވަހުގެ ކާޑު ގުދަނުން ބޭރުވި. އަޅުގަނޑުމެންނަކަށް ނޭންގޭ އަނެއް 10 ދުވަހު އަނެއް 2 މަސް ނުދާނެކަމެއް. އެހެންވެއްޖެ ކަމަށްވެއްޖެއްޔާ އަޅުގަނޑުމެން އިންވެންޓްރީވެސް ހޯލްޑް ކޮށްގެން ހުންނާނީ ވަކި ވަރަކަށް." މިހާދު ވިދާޅުވިއެވެ.

ކާޑުގެ ބާވަތްތައް ކޮންޓްރޯލްކޮށްގެން ވިއްކުމަކީ އެ ކުންފުނިން ކުރަން ބޭނުންވާ ކަމެއް ނޫންކަން ފާހަގަކުރައްވައި މިހާދު ވިދާޅުވީ، ކޮންޓްރޯލް ކޮށްގެން ވިއްކަން ޖެހޭނެ ހާލަތަކަށްވެސް އެ ކުންފުނިން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.

ލޮކްޑައުންގެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވުމަށް، ލޮކްޑައުންގެ ކުރިން އެސްޓީއޯއިން ވަނީ ގޭގައި ތިބެގެން ތަކެތި ގަނެވޭނެ އޮންލައިން ޕްލެޓްފޯމެއް ޤާއިމްކޮށްފައެވެ. އީސްޓޯރގެ ނަމުގައި މި ޕްލެޓްފޯމް ހުޅުވާލިއިރު މިއަށް ލިބޭނެކަމަށް އެސްޓީއޯއިން އަންދާޒާކުރި ތަރުހީބަށްވުރެ ބޮޑު ތަރުހީބެއް ލިބުމުން އަލުން މިކަން ކުރާނެގޮތަކާއިމެދު ވިސްނަން ޖެހުނުކަމަށް މިހާދު ވިދާޅުވިއެވެ.

"ލޮކްޑައުން ކުރި ދުވަހުނޫން އަނެއް ދުވަހު ހުޅުވާލީމައި 1 ގަޑިއިރުތެރޭ ލިބުނު 4000 އޯޑާރސް. އަޅުގަނޑުމެން ޖެހުނީ ޝަޓްޑައުންކުރަން އީސްޓޯރ. މިއީ އަޅުގަނޑުމެންނަށް ކޭޓަރ ކުރެވޭ ވޮލިއުމްއަށްވުރެ މާބޮޑު އަދަދެއް." މިހާދު ވިދާޅުވިއެވެ.

ކޯވިޑް19 ގެ ސަބަބުން އެސްޓީއޯގެ %60 މުވައްޒަފުން ކަރަންޓީންވާން ޖެހުމަކީވެސް އެ ކުންފުންޏަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ. ޙިދުމަތްދިނުމުގައި އެސްޓީއޯއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މިކަމަށް ކުރިއާލާ ތައްޔާރުވާން ފެށިކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ޕްލޭންތައް އެކުލަވާލަން ފެށިކަމަށާއި، ފުރަތަމަ ކުރަން ބޭނުން ކަންކަން ކަނޑައަޅައި، އަމާޒަށް ވާސިލްވުމަށް ހުރި ހުރިހައި ވަސީލަތްތަކެއް ބޭނުންކުރިކަމަށް އެ ކުންފުނިން ބުނެއެވެ.