ޚަބަރު

ޕޯލޭންޑާއި ޗެކް ރިޕަބްލިކުގެ ސަރަޙައްދީ ރޮނގުތައް ހުޅުވުމަށް ޖަރުމަނުވިލާތުން ގޮވާލައިފި


ޕޯލޭންޑާއި ޗެކް ރިޕަބްލިކުގެ ސަރަޙައްދީ ރޮނގުތައް އެއްކޮށް ހުޅުވާލުމަށް ޖަރުމަނުވިލާތުން ގޮވާލައިފިއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން ދުނިޔޭގެ ގިނަ ޤައުމުތަކުންވަނީ އެޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ބަންދުކޮށްފައެވެ. ވިލާތުގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްވާންފެށުމުން ވިލާތުގެ އިއްތިޙާދުންވަނީ ކުރިއަށްއޮތް ހޫނު މޫސުމާ ދިމާކޮށް ވިލާތުގެ ޤައުމުތަކުގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް ހުޅުވުމަށް ބާރުއަޅާފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރަށް ޖޫން މަހުގެ މެދާ ހިސާބަށް ބައިނަލްއަޤްވާމީ ސަރަޙައްދީ ރޮނގުތައް ނުހުޅުވައި މަޑުކޮށްލުމަށްވަނީ ލަފާދީފައެވެ.

ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސްވަނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެޤައުމުން ޑެންމާކާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ހުޅުވާލާނެކަމަށް އިޢުލާނުކުރައްވާފައެވެ. ފަރަންސޭސިވިލާތާއި އޮސްޓްރިއާއާއި ސްވިޒަލޭންޑާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެން އުވާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕޯލޭންޑުގެ ސަރުކާރުން ވަނީ އެޤައުމުގެ ސަރަޙައްދީ ރޮނގުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ޖޫން މަހުގެ 12ވަނަ ދުވަހާ ހަމައަށް ދަމަހައްޓާނެކަމަށް ބުނެފައެވެ. ޗެކް ރިޕަބްލިކުގެ ބޮޑުވަޒީރު އަންދްރޭ ބަބިޝް ވިދާޅުވީ އަވަށްޓެރި ޤައުމުތަކާ ޚިލާފަށް ޖަރުމަނުވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އެދެވޭ މިންވަރަށް ދަށްވެފައިނުވާ ކަމަށެވެ. އެހެންކަމުން ޖަރުމަނުވިލާތާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ ގުޅޭގޮތުން އެޤައުމާއެކު މަޝްވަރާ ކުރަމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން ހައިކޯ މާސް ވިދާޅުވީ ޕޯލޭންޑާއި ޗެކް ރިޕަބްލިކުގެ ސަރަޙައްދީ ރޮނގުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އަވަސް މުސްތަޤުބަލެއްގައި އުވާލާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޖަރުމަނުވިލާތުގައި ކޯވިޑް-19 ޖެހިފައިވާ 176,244 މީހުންވަނީ ފެނިފައެވެ. ބަލީގެ އަސަރުކޮށްފައިވާ އެތައް ހާސް ބަޔަކު ދުވާލެއްގެ މައްޗަށް ފެންނަމުންދިޔަ ޖަރުމަނުވިލާތުގައި އެޢަދަދުވަނީ ދުވާލެއްގެ މައްޗަށް 500އަށްވުރެ ދަށްކުރެވިފައެވެ.