ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެތެރޭގައި ހިމެނޭ، ގާނޫނީ ޚިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތައް އަމަލުކުރުން އަންނަ އަހަރުގެ ޖަނަވަރީއާއި ހަމަޔަށް ފަސްކުރުމަށް ރައްޔިިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވައިފިއެވެ.
މިއިސްލާހަކީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށް ނާޒިމް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ. މިހާލަތުގައި ތައުލީމީ ދާއިރާއަށާއި، އެކި ރޮނގުރޮނގުން ތައުލީމް ހާސިލް ކުރަމުންދާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މި ހުށަހެޅުމުގައި ވަނީ ފާހަގަކޮށްފައެވެ.
މި އިސްލާހާއެކު މިހާރުގެ ހާލަތާއި ގުޅިގެން މިދާއިރާއިން ތައުލީމް ހާސިލް ކުރަމުންދާ ބޭފުޅުންނަށް މިކަމުގައު ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށް މެމްބަރު ނާޒިމް ވަނީ ވިދާޅުވެފައެވެ. ޤާނޫނީ ވަކީލުން ވަކީލު ކަމުގެ ތަމްރީން ނިންމުމަށްފަހު ހަދާ އިމްތިހާނަކީ އެމެރިކާގެ ނެޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސްއާ ގުޅިގެން ބާއްވާ އިމްތިހާނެއް ކަމުން، މިހާލަތުގައި އެ އިމްތިހާނު ބާއްވަން ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށްވެސް ނާޒިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވެއެވެ.
ވަކީލުކަމުގެ ޑިގްރީ ނަގައިގެން ބާ އިމްތިހާން ހެދުމަށްފަހު ވަކީލުކަން ކުރުމުގެ ހުއްދަ ނުލިބިފައި 300 އަށްވުރެ ގިނަ ދަރިވަރުން ތިބިއިރު ވަކީލުންނަށް ހުއްދަ ދިިނުމަށްޓަކައި ބާކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެއް އަހަރު ދުވަހުގެ ތަމްރީނާއި އޭގެ ފަހުން ހަދަން ޖެހޭ އިމްތިހާނު ލަސްވުމުގެ ޝަކުވާ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއްގެ ގޮތުގައި ހުށަހަޅާފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުމުގެ ޙައްޤު ލިބިގެންވާ ވަކީލުން ގިންތި ކުރުމުގެ ބާރާއި ޤާނޫނީ ވަކީލުންނާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ބާ ކައުންސިލަށެވެ.