ކޯވިޑް-19

ކޯވިޑް-19 : ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް އެހީވުމަށް ޝާހުރުކް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިއްޖެ


އިންޑިއާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީވުމަަށް ބޮލީވުޑް ސުޕަރސްޓަރ ޝާހުރުކް ޚާންގެ "މީރް ފައުންޑޭޝަނުން" ހުޅުވާފައިވާ ފަންޑަށް އެހީވުމަށް ޝާހުރުކް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިއްޖެއެވެ.

ޝާހުރުކް ވަނީ ކޯވިޑް-19އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އަމިއްލަ ފުރާނައަަށް ބެލުމެއްނެތި އާއްމުންގެ ހިދުމަތުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް "މީރް ފައުންޑޭޝަނުން" އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން ވީޑިއޯއެއްގެ ޒަރިއްޔާއިން ޓުވިޓަރގައި ހިއްސާކޮށްފައެވެ.

މި ވީޑިއޯއާއެކު ކޮށްފައިވާ ޓުވީޓުގައި ޝާހުރުކް ބުނެފައިވަނީ މި ނާޒުކު ދަނޑިވަޅުގައި ސިއްހީ ހިދުމަތްތެރިންނާއި މެޑިކަލް ޓީމްތަކުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ، އެމީހުންގެ މަސައްކަތްތަކަށް ބޭނުންވާ އެކި ސާމާނު ހޯދުމަށާއި، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީ ސަޕްލައިކޮށްދިނުމަށް މީރް ފައުންޑޭޝަނުން ކުރާ މަސައްކަތުގައި އޭނާގެ ސަޕޯޓަރުންވެސް ބައިވެރިވުމަށް އެދޭކަމަށެވެ. އަދި ކިތަންމެ ކުޑަނަމަވެސް އެހީއެއްދިނުމަކީ މުޖުތަމަަޢުއަށް ތަފާތުކަމެއް ގެނެސްދެވިދާނެކަމެއްކަން ޝާހުރުކް ވަނީ ފާހަގަކޮށްފައެވެ.

މީރް ފައުންޑޭޝަނުން ބުނެފައިވަނީ "ކްރައުޑް ފަންޑިންގ" މި ހަރަކާތުގެ ތެރެއިން 7.5 މިލިއަން އިންޑިއަން ރުޕީސް އެއްކުރުމަކީ އަމާޒެއްކަމަށެވެ. އަދި މި ފަންޑުން ލިބޭ ފައިސާ ޚަރަދު ކުރުމަށް ނިންމާފަައިވަނީ ކޯވިޑް-19އާއި ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ޙިދުމަތްތެރިންނަށް ބޭނުންވާ ޕީ.ޕީ.އީ ކިޓާއި، ބަލީގައި ބޮަޑުވަރުވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރ ފޯރުކޮށްދިނުމަށް ކަމަށެވެ.

އެ ފައުންޑޭޝަނުން އަންނަނީ މުމްބާއީ ރޯޓީ ބޭންކާއި ގުޅިގެން މުމްބާއީގައި ވަޒީފާ އަދާކުރުމަަށް އެހެން ސަރަޙައްދުތަކުން ހިޖުރަކޮށްފައިވާ ދިހަ ހާސް މަސައްކަތްތެރިންނަށާއި، ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ޝާހުރުކް ޚާން ހިމެނެނީ މިވަގުތު ބޮލީވުޑްގައި އެންމެ އަގު ބޮޑު ތަރިންގެ ލިސްޓްގެ އެންމެ ކުރީގައެވެ. އޭނާ އަންނަނީ ޤައުމީ ކާރިސާތަކާއި ޙާދިސާތަކުގެ ވަގުތުތަކުގައާއި، އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި މިލްކިއްޔާތުން ބޮޑު ބައެއް ހޭދަކުރަމުންނެވެ.