ޚަބަރު

ކޯވިޑް-19 : "މިޙާލަތުގައިވެސް ރާއްޖެއަށް ޒިޔާރަތްކުރަން ފަތުރުވެރިން އެދެމުންދޭ"


ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ޙާލަތުން އަރައިގަނެވި ޓުއަރިޒަމް ހުޅުވާލުމަށްޓަކައި ޢަމަލުކުރާނެ އުސޫލެއް އެކުލަވާލާފައިވާކަމުގައި ޓްއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިޙާލަތުގައިވެސް ރާއްޖެއަށް އައުމަށް އެތައް ޤައުމެއްގެ ފަތުރުވެރިން އެދެމުންދާކަމަށެވެ. އެހެންނަމަވެސް މިހާރުގެ އެންމެބޮޑު އިސްކަމެއްދެނީ މިހާލަތުން އަރައިގަތުމަށްކަން މިނިސްޓަރ ޢަލީވަޙީދު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދުގެ %70 ހިއްސާކުރާ ޓްއަރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައުމާ ގުޅިގެން އެމަސައްކަތް އަލުން ފެށޭނެ ވަގުތަކަށް ވަރަށްބޮޑަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން މިހާރުގެ ޙާލަތަށް ބަލައި ބައްޔާމެދު ހެދިފައިވާ ދިރާސާތަކާއެކު ޓްއަރިޒަމް ސިނާއަތު އަލުން ހުޅުވޭނެ ވަގުތެއްގައި އެކަންކުރެވޭނެ އުސޫލުތަކެއް މިހާރު ހަދާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަލުން ޓްއަރިޒަމް ހުޅުވުމަށްޓަކައި ފަންނީ ބޭފުޅުންނާއިއެކު މަޝްވަރާކޮށްގެން ޓްއަރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލު ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފައިވާކަމަށްވެސް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ. ކުރިއަށް އޮތް 2 ހަފްތާއާއި 6 ހަފްތާއާއި ދޭތެރޭގެ މުއްދަތަކީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ދުވަސްތަކަށްވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައި ވުމާއެކު، މިކަމުން އަރައި ގަތުމަށް މުޅި އިންޑަސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

"ރާއްޖެ އަލުން ހުޅުވާލާއިރު އެކަންކަން ކުރުމަށްހަމަޖެހިފައިވަނީ ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް. އެގޮތުން ފޭސް އެކެއްގައި ފުރަތަމަ ގެންނާނީ ކޮން ފްލައިޓްތަކެއްތޯ، ފޭސް ދޭއްގައި އަމަލުކުރާނީ ކޮންގޮތަކަށްތޯ އަދި ނިއުނޯމަލް ގައި ކުރިއަށްދާނެ ގޮތެއްވަނީ ހަމަޖެހިފަ. މިކަމުގައި އަޅުގަނޑުމެން ދުނިޔޭގެ އެކި ގައުމުތަކުގައި މިހާލަތާއި ގުޅިގެން އަމަލުކުރާ ގޮތްތައްވެސް ބަލާފައިވާނެ އަދި އަޅުގަނޑުމެން ގެނައި ޑޮކްޓަރުންގެ ޓީމުން މަޝްވަރާވެސް ވާނީ ހޯދާފަ. އަޅުގަނޑުމެންގެ ވިސްނުން ހުރީ ޖެޓްތައް އެކަނި ގެންނާކަށްނޫ. ޗާޓަރު ފްލައިޓްތައްވެސް ގެނެވޭ. ކަރަންޓީން އެއރަޕޯޓްގެ ހިދުމަތްދެވޭނެ ގޮތްތަކާއި، އަންނަ މީހުން ގެންދާ ރިސޯޓްތަކުގައި އަމަލުކުޜާނެ ގޮތްތަކެއްވެސް ވަނީ ކަނޑައެޅިފަ" މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

މިހާލަތުގައިވެސް ރައްޖެ އަންނަން ބޭނުންވެގެން އެތައް ގައުމެއްގެ މީހުން މިނިސްޓްރީއަށް ރިކުއެސްޓް ކުރަމުންދާކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި 6 މަސް ނުވަތަ 7 މަސްދުވަހު ތިބުމަށް ބޭނުންވެގެން ބައެއް ގައުމުތަކުން ރިކުއެސްޓް އަންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ މިޙާލަތުގެ ވިސްނުންހުރީ މިހާލަތުން އަރައިގަނެވި ޖުލައި ނުވަތަ އޮކްޓޯބަރުގައި ޓުއަރިޒަމް ކޮންމެވެސް މިންވަރަކަށް ހުޅުވާލެވި ރާއްޖޭގެ އިގްތިޞާދު ހިނގަންފަށާނެކަމުގެ ވަރަށްބޮޑު އުންމީދެއް އެބައޮތްކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.