ޚަބަރު

ކޯވިޑް-19 : ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަ 1000 ވުރެ ގިނަ ކޮޓަރި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ޚާއްސަކޮށްގެން 1000 ވުރެ ގިނަ ކޮޓަރި މާލެ ސަރަހައްދުން ހަމަޖައްސާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާތަކަކީ ކޯވިޑްގެ އެންމެ ނުރައްކާތެރި ދުވަސްތައްކަމަށްވާއިރު އެދުވަސްތަކަށް ސަރުކާރުންވެސް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ކުރީސަފުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ބަޔަކު ކަރަންޓީންކޮށް އައިސޮލޭޓް ކުރަންޖެހިއްޖެ ހާލަތެއްގައި އެމީހު ގެންދިއުމަށް 1000 ވުރެ ގިނަ އެނދު ތައްޔާރު ކޮށްފައިވާކަމަށެވެ.

"އިތުރު ވެހިކަލްތައް އިތުރު ރިސޯޓްތައް އަދި މިކަމަށް ބޭނުންވާ ކޮންމެ ކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އިންޑަސްޓްރީގެ ފަރާތުން ދެމުންދާކަން އުފަލާއި އެކު ފާހަގަކުރަން. އެގޮތުގެ މަތިން މިހާރު ޖުމްލަ 1000 ވުރެ ކޮޓަރި މާލެ ސަރަހައްދުން ޕްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލޮކޭޓްކުރެވިފައި ވަނީ " މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ފުރަންޓްލައިންގައި މަސައްކަތް ކުރާ ބައެއް ފަރާތަތައްވެސް ދަނީ ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ. އޭގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކުގެ ބައެއް މުވައްޒަފުންނާއި އަސާސީ ހިދުމަތްތައް ރައްޔިތުން ފޯރުކޮށްދޭ ބައެއް ތަންތަނުގެ މުވައްޒަފުންވެސް ހިމެނެއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދާއިރާ އިން ފޯރުކޮށްދެމުން އަންނަ އެހީތަކުގެ ތެރެއިން ގެނައި 20 ހާހަށްވުރެ ގިނަ އެން 95 މާސްކާއި 5000 ހެޒްމެޓް ސޫޓް ރާއްޖެ ގެނެސް ކަމާއި ބެހޭ ދާއިރާތަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި އިތުރަށް ގެންނަ ސާމާނުތައް މާދަމާ ނޫން އަނެއް ދުވަހު ރާއްޖެ އަންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް 3 ހަފްތާއެއްހާ ދުވަހު ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ މުޅި ރާއްޖޭގައިވެސް ބަލި ނުރައްކާވެދާނެކަމަށް ބަލައި ގިނަ ފެސިލިޓީސްތައް ހޯދައި ތައްޔާރުކުރެވިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރު އަންދާޒާ ކޮށްފައިވާގޮތަށް ބަލިޖެހޭ މީހުން ގެންދިއުމަށް ބޭނުންވާ ފެސިލިޓީސްތައް ހަމަޖެހިފައިވާކަމަށާ ކުރިއަށް އޮތް ދުވަސްތަކަކީ ރާއްޖެއަށް މޫސުންވެސް ގޯސް ދުވަސްތަކަކަށްވުމުން ބަލި މީހުން ގެންދިއުމުގައި ކަނޑު މަގުން ނުގެންދެވޭނަމަ މަތިންވެސް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުރާލައި އެންމެ ނުރައްކާތެރި ހާލަތަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިކަމަށް ޚާއްސަކޮށްގެން އިމާރާތް ކުރެވޭ ތަންތަންތަންވެސް ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި ނިމި ބޭނުންކުރެވޭނެކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭގެ ހިޔާފެސިލިޓީގެ އިތުރުން ވިލިވަރުގައި 200 މީހުން ބޭތިއްބޭގޮތަށް ތައްޔާރުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ އެންމެހައި ކަންކަން ދަތި ނުވާނޭގޮތަކަށް ހަމަޖެއްސުމަށް ކަމަށެވެ. އަދި ފުރަބަންދުގެ އުސޫލަށް އިތުރު ބަދަލުތައް ގެނެސް ރައްޔިތުންނަށް ދަތިވަނޭ ގޮތަކަށް އެއްވެސް ކަމެއް އިތުރަށް ކުރުމަށް ނިންމާފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާލަތަށް ހުރިހާ ރައްޔިތުންވެސް އިތުރަށް ސަމާލުވެ ރައްކާތެރިކަމާއިއެކު ކަންކަން ބައްޓަން ކުރުމަށް މިނިސްޓަރ އަލީ ވަހީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިހާލަތުގައިވެސް ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ ކެތްތެރިކާއިއެކު މަސައްކަތް ކުރަމުންދާތަންކަމަށެވެ. އަދި ކުރިން ލަފާކުރެނުނު އަދަދުތައް ބޮޑުތަނުން ކުޑަކުރެވިފައިވަނީ ރައްޔިތުން ދެއްވި ފުރިހަމަ އިޖާބައިގެ ސަބަބުންކަމަށްވެސް މިނިސްޓަރ އަލީވަހީދު ވިދާޅުވިއެވެ.