އައްޑޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ދެއްކި މީހާގެ، ފަހުން ހެދި ޓެސްޓުތަކުން އޭނާ ނެގެޓިވް ވެފައިވާކަމަށް ދައްކާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.
އައްޑޫސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހުކުރު ދުވަހު ޑޮކްޓަރަށް ދައްކަންދިޔަ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ، އިކުއިޓޯރިއަލް ހޮސްޕިޓަލުން، މިވަގުތު ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރޭ މާލެ ފޮނުވާލުމުން އައިޖީއެމްއެޗް އަށް ގެންގޮސް ހެދި ޓެސްޓުންނެވެ. ނަމަވެސް އޭނާގެ ކިބައިން އިތުރު އެއްވެސް ޢަލާމާތެއް ނުފެނި އަދި ބަލިޖެހިދާނެކަމަށް ބަލެވޭ އެއްވެސްކަމެއް ދިމާވެފައި ނުވާތީ އިތުރަށް 2 ސާމްޕަލް ނަގައި ޓެސްޓް ކުރުމުންވެސް ނަތީޖާ ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީވަނީ މިއަދުން ފެށިގެން 14 ދުވަހަށް ފުރަބަންދުވެސް ކޮށްފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު ވިދާޅުވީ މިމީހާ ހުކުރުދުވަހުގެރޭ މާލެ ގެނައީ ހިތުގެ ބައްޔަކަށް ފަރުވާ ދިނުމަށްކަމަށެވެ. އަދި މިމީހާއަކީ މާޗް 30 ވަނަ ދުވަހު ރިސޯޓަކުން އައްޑު އަށް ދިޔަ މީހެއް ކަމަށެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖާރ ޝަރަފުއްސާދާތު ވިދާޅުވީ، މިކޭސް އާއި ގުޅިގެން މިހާތަނަށް ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ފާހަގަވެފައިވާކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ 7 ޑޮކްޓަރުންނާއި، އެޓެންޑެންޓުންނާއި ނަރުހުންގެ ތެރެއިން 10 މީހަކު އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި ހިތަދޫގައި އެ މީހާ ދިރިއުޅެމުން އައިގެ މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. މީގެ އިތުރުން އޭނާ އާއި ގުޅުން ހުރި 7 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ސާދާތު ވިދާޅުވިއެވެ.